ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓް އަޅަން ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި
ގްރޭޓަރ މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށްޓަކައި، އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމަށް ހާއްސަކޮށްގެން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން 1000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫއުއެއް ހިންގުމަށްޓަކައި 100 އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ ސަރުކާރުގެ ''ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން މިހާރު އިއުލާނުކޮށްފައިވާ 'އާއިލީ ބޯހިޔާވަހިކަމުގެ' ޕްރޮގްރާމުގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.
މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި 5 ކުންފުންޏާއެކު މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއެވެ.
މި މަޝްރޫޢުގެ ދަށުން މަސައްކަތް ހަވާލުކުރެވުނު ފަރާތްތަކަކީ:
1. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
2. ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
3. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
4. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
5. ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
މިއަދު ހަވާލުކުރެވުނު މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 3 ގައެވެ. މަޝްރޫޢުގެ މުއްދަތަކީ 30 މަސްދުވަހެވެ. ކޮންމެ ޑިވެލޮޕަރަކަށްވެސް ޙަވާލުކުރެވިފައިވަނީ 1 ޕްލޮޓެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަތްފޯރާފަށުގައި ބޭންކު މޯގޭޖް ފައިނޭންސް މެދުވެރިކޮށް ގަނެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގޭ ފުރަތަމަ މަޝްރޫޢެވެ.
މި މަޝްރޫޢުން ޢިމާރާތްކުރެވޭ ހުރިހާ ފްލެޓެއްވެސް ވިއްކަން ޖެހޭނީ ސަރުކާރުން ޢިއުލާންކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ "އާއިލީ ބޯހިޔާވަކަން" މި ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުޠު ހަމަވާ ފަރާތްތަކަށެވެ. މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ 2 ކޮޓަރީގެ ފުލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފުލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.
-1784296579370.webp)