ކ. ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު، ކ. ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީންގެ ވަޞީލަތްތައް ޤާއިމްކޮށް، ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފަށާފައިވާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. އަދި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ.
މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުން ހިމެނޭ. ހަމައެއާއެކު މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. މިގޮތުން މި ރަށް ވެގެންދާނީ، ހަރުދަނާ ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ފައްޓަވާދެއްވާފައިވާ އެންމެ މުހިންމު ޕްރޮގްރާމް ކަމުގައިވާ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށެވެ.
