ސިފައިންގެ 72ވަނަ އަދި 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
ސިފައިންގެ 72 އަދި 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކޮށް، އެ ދަރިވަރުންނަށް ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު މިކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ގިރިފުށި ހެވިކަމުގެ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް އިސްތިޤުބާލު ކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނަރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޙުސައިން އިބްރާހީމެވެ.
ޝަރަފުވެރި މެހުމާން، ގިރިފުށީ ހެވިކަމުގެ މައިދާނަށް ވަޑައިގެންނެވުމުން އެމްއެންޑީއެފް މިލިޓަރީ ބޭންޑުގައި އެރައިވަލް ކޯލެއް ކުޅެފައިވެއެވެ. އަދި، ސެލިއުޓިންގ ޑައިސް މަތީގައި އެމަނިކުފާނު ހުއްޓިވަޑައިގެންނެމުން، އެމްއެންޑީއެފް ބޭންޑުގައި ޤައުމީ ސަލާމް ވަނީ ކުޅެފައެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށި މި ރަސްމިއްޔާތުގައި، ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް ޙުސައިން މަޒީދެވެ.
ދަރިވަރުން ސިފައިންގެ ހުވާކުރުމަށް ފަހު، ދަރިވަރުންނަށް ވަނީ ބަޑި ހަވާލުކޮށްދެއްވާފައެވެ. ދެ ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. ދަރިވަރުން ބަޑިއާ ހަވާލުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައިވެއެވެ. އަދި ބަޑި ހަވާލުކުރާއިރު އަންގާ އެންގުން އިއްވައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.
މި ރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައަށްފަހު، ރަސްމިއްޔާތުގެ މެހެތަރު 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ކޯސް އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާން، ސަފުތައް ރޫޅާލުމުގެ އިޒުނައަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓް ކުރުމުންނެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ދަޢުވަތު އެރުވުނު ޚާއްޞަ މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.
