މޫސުމީ ބަދަލުތަކަށް ކުރާ ހޭދަ ދިރާސާކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ފައިނޭންސް އަދި ޕަބްލިކް އެންޓަޕްރައިޒަސް ގުޅިގެން، "މޯލްޑިވްސް ކްލައިމެޓް ޕަބްލިކް އެކްސްޕެންޑިޗަރ އެންޑް އިންސްޓިޓިއުޝަނަލް ރިވިއު" (ސީ.ޕީ.އީ.އައި.އާރު) ގެ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޚާއްޞަ ވެލިޑޭޝަން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ދައުލަތުން ކުރާ ހޭދަތަކާއި، އެކަމާ ގުޅޭ ސިޔާސަތުތަކާއި އިދާރީ އިންތިޒާމުތައް ވަޒަންކުރުމަށް ކުރިއަށްގެންދާ ދިރާސާގެ ހޯދުންތައް މުދާލިއާކޮށް ކަށަވަރުކުރުމެވެ. މި ރިވިއުގެ ދަށުން 2022 އިން 2025 އަށް ދައުލަތުގެ ބަޖެޓުން މޫސުމީ ކަންކަމަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރާއި، އެ ފައިސާ ބޭނުންކުރެވޭ ގޮތްތައް ވަނީ ދިރާސާކޮށްފައެވެ.
ސީ.ޕީ.އީ.އައި.އާރު އެކުލަވައިލުމުގެ މަސައްކަތަކީ "މޯލްޑިވްސް ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" (އެން.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށްދަނީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ މާލީ އެހީތެރިކަމާއި، ޔޫ.އެން އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ ފަންނީ އެހީތެރިކަމާ އެކުގައެވެ.

މިފަދަ ދިރާސާއެއް ކުރުމުގެ ބޭނުމަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގައާއި، ބަޖެޓު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމެވެ. މީގެ އިތުރުން، މި ދިރާސާގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އެހީ ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
