logo
banner image

ޕީޕީއާރު އަކީ ކޮބައި؟

ޕީ.ޕީ.އާރުއަކީ ހަލުވިކޮށް ފެތުރޭ ވައިރަހެއްގެ ޛަރީޢާއިން ބަކަރިއާއި ކަންބަޅި ފަދަ ކުދި ޖަނަވާރަށް ޖެހޭ ނުރައްކާތެރި ވަބާއީ ބައްޔެކެވެ. އަދި މިއީ، އޭގެ ސަބަބުން ބަކަރިތައް ބޮޑަށް ބަލިކޮށްލާ އަދި ގިނަ ޢަދަދަކަށް މަރުވާ ބައްޔެކެވެ. ޤައުމެއްގައި ވަޒަންވެރި ބައްޔަކަށް މިބަލި ވެއްޖެނަމަ މިއީ ބަކަރި ގެންގުޅެ އާލާކުރުމަށް އޮތް ހުރަހެކެވެ. މީގެ ނަތީޖާއަކީ ބަކަރި ގެންގުޅެ އާލާކުރުމާއި، އެތަކެތި އިމްޕޯރޓްކުރުމުގެ ވިޔަފާރީގެ ދާއިރާ ހަނިވުމެވެ.

ބަކަރީގެ އާބާދީގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕީ.ޕީ.އާރު އަށަގެންފިނަމަ ވަރަށް ހަލުވިކޮށް ފެތުރެއެވެ.މިބަލި އަށަގެންފައިވާ ސަރަޙައްދުތަކުގައި ދޭތެރެދޭތެރެއިން ބަލި ފާޅުވެ ފެތުރޭކަން ފާހަގަކުރެވެއެވެ. ޚާއްޞަގޮތެއްގައި ބަކަރި ގެންގުޅޭ ކޮށިތަކަށް ގޮތްނޭނގޭ ހިސާބުތަކުން ބަކަރި ގެނެސް މަސްހުނިކުރުމުގެ ސަބަބުންނެވެ. މިބަލީގެ ސަބަބުން ބަކަރި މަރުވާ އަދި ބަލިވާ ރޭޓް ބަކަރީގެ އާބާދީގެ ތެރޭގައި 80-100% އަށް އަރައެވެ. މިކަމަށްޓަކައި މިބައްޔަކީ މައިތިރިކުރަންޖެހޭ، އާޚިރުގައި ނައްތާލަންޖެހޭ ބައްޔެކެވެ. އެގޮތުން ޕީޕީއާރު ވަނީ ގއ. ކޮލަމާފުށިން ފެނިފައެވެ.

ޕީޕީއާރު ފެތުރެނީ ކިހިނެއް؟

ޕީޕީއާރު ވައިރަސް ފެތުރެނީ މިބަލިޖެހިފައިވާ ބަކަރީގެ ލޮލުން ފައިބާ ފެނާއި، އަރިދަފުހާއި، ކެއްސާއިރު ބުރައިގެންދާ ކުޅާއި، ބޮޑުކަމުދާ އެއްޗިހީގެ ޛަރީޢާއިންނެވެ.ވުމާއެކު ބަލިޖެހިފައިވާ ބަކަރިއާ ގައިގޯޅިވުމުގެ ސަބަބުން ކެއްސާ، ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ބުރުއްސައިގެންދާ ކަވި ކުޅުތިކިތައް ނޭވާލާއިރު ނޯށުން ދެމެއެވެ.މީގެއިތުރުން ބޮޑުކަމުދާ އެއްޗިހިން ތަޣައްޔަރުވެފައިވާ ބޯފެނާއި، ކާން އަޅާފައި ހުންނަ އެއްޗިހީގެ ޒަރީޢާއިންވެސް ހަށިގަނޑު ތެރެއަށް ވައިރަސް ވަދެއެވެ. ބަލީގެ ޢަލާމާތްތައް ފެނުމުގެ ކުރިންވެސް ބަކަރީގެ ހަށިގަނޑުން ވައިރަސް ބޭރުވެ، ބަލިޖެހިފައިވާ ބަކަރި ޙަރަކާތްތެރިވެ އުޅުމުގެ ތެރޭގައި ވައިރަސް ފެތުރެއެވެ.

ޕީޕީއާރު ބަލީގެ ޢަލާމާތްތަކަކީ ކޮބައި؟

މިބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ 3-6 ދުވަސް ފަހުން ކުއްލިއަކަށް ހުންއައުމާއި، ވަރުދެރަވުމާއި، ކާހިތްނުވުމާއި، ނޯށުން ފެން ފައިބަން ފަށައެވެ. ދެން ނޯށުން ފައިބައި ފެން އޮލަވެ، ރީނދޫ ކުލައަށް ބަދަލުވެއެވެ. ގިނަ ޙާލަތްތަކުގައި އަރިދަފުސްތައް ގިނަވެ، މަޑުގަނޑަކަށް ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ނޭފަތުގެ ހިނދުރި ބެދި ނޭވާލުމަށް ދަތިވެއެވެ.

ލޮލަށްވެސް ބަލީގެ އަސަރުކޮށް، ދޮހުގެ ސަބަބުން ލޮލުގެ ބޮނޑި ތަތްލަވާފައި ހުރެއެވެ. އަދި އަނގަތެރެ ދުޅަވެ، ތިރީ ދަތްޕިލާގެ ހިރުގަނޑުގައާއި، ދަތްތަކުގެ ބުޑުގައާއި، މަތީ ތަލީގައާއި، ކޮލުގައާއި، ދުލުގައި ދޮސް ބިހިތަކެއް ނަގާފައި ހުރެއެވެ.

ބައެއް ބަކަރި ބޮޑަށް ބޭރަށް ހިންގުމުގެ ސަބަބުން ގައިން ފެން ދެމި، ބަރުދަން ލުއިވެ، އަނަރޫފަވެއެވެ. ބަލީގެ ފަހު މަރުޙަލާގައި ފުއްޕާމޭ ފާރުވުމަކީ ޢާއްމުކަމެކެވެ. މައިބަނޑު ބަކަރި ބައިގެންދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޕީ.ޕީ.އާރު ކަމުގައި ކަނޑައަޅައި ދެނެގަތުމުގެ ފުރުޞަތު ކުޑަވުމާއި، ހުންއަންނަން ފެށުމުގެ 5-10 ދުވަހުގެ ތެރޭގައި ބަކަރިތައް މަރުވަންފަށައެވެ.

މިބަލި އަށަގެންފައިވާ ސަރަޙައްދުތަކުގައި ބަލި ބޮޑަށް ޖެހެނީ 4 - 8 މަހުގެ ޅަފުރާގެ ބަކަރިއަށެވެ. ޢުމުރުން ދުވަސްވީ ބަކަރިއަށް މިބަލިޖެހުމުގެ ފުރުޞަތު ކުޑައެވެ. ބަލި ބޮޑަށް ޖެހޭ ޙާލަތްތަކުގައި ބަކަރިތައް މަރުވެއެވެ. އެހެންނަމަވެސް ބައްޔަށް ޝައްކުކުރެވޭ ބަކަރިތައް ބަލިވުމާ ހަމައަށް ކުޑަކޮށް ނުވަތަ ފާހަގަނުކުރެވޭވަރަށް ބަލީގެ އަސަރުކޮށް އެއް ބަކަރިން އަނެއް ބަކަރިއަށް ބަލި ނަޤުލުކުރެއެވެ. މިފަދަ ޙާލަތްތަކުގައި ބަކަރިތައް ކުޑަކޮށް ބަލިވެއެވެ. ނުވަތަ ފާހަގަކުރެވޭ ވަރަށް ބަލިނުވާ ފަހަރުވެސް އާދެއެވެ.