ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށައިފިއެވެ.
އެގޮތުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ޚިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިނިސްޓްރީއިން މިހާރު ވަނީ ހަމަޖައްސައިފައެވެ.
ގުޅިފަޅުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯއްދެވުމަށް:
1. ޕޯޓަލްއަށް ވަނުން: 'ހިޔާވަހި ޕޯޓަލް' އަށް އީފާސް (eFaas) މެދުވެރިކޮށް ލޮގިން ކުރައްވާ
2. ގޯތި ހަވާލުކުރުމުގެ ބަޔަށް ދިއުން: ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން 'ގޯތި ހަވާލުކުރުން' މި ބަޔަށް ޒިޔާރަތް ކުރައްވާ
3. ލިޔުން ޑައުންލޯޑް ކުރުން: ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެ އަދި 'ގޯތި ހަވާލުކުރިކަމުގެ ލިޔުން' މި ބައިން ޑައުންލޯޑް ކުރެވޭނެ
4. ލޮކޭޝަން ބެލުން: ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެއްލެވުމަށް ހިމަނާފައިވާ ކިއު.އާރް (QR) ކޯޑު ސްކޭން ކޮށްލައިގެން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެ
ގޯތި ހަވާލުކުރިކަމުގެ ލިޔުން ޑައުންލޯޑް ކުރެއްވޭނީ، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެއެވެ.
މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ގުޅިފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، މިހާރު އެ ސަރަހައްދަށް ވަޑައިނުގެން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯއްދެވޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު (ސްޓޭޓަސް) ބަލައިލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
