ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ" ގެ ދަށުން، ދިވެހި ބޭސްވެރިކަމާ ގުޅުންހުރި ގަސްތައް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ހުޅުމާލޭގައި ބާއްވައިފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރުޢޫއަށް އެއްބާރުލުން ދިނުމާއެކު، ރާއްޖޭގެ އާދަކާދައިގެ މަތިން ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް، އެފަދަ ގަސްތައް ދިރުވައި އާލާކުރުމެވެ.
މިއަދު ބޭއްވުނު މި ހަރަކާތުގައި ދިވެހި ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސްތައް ވަނީ އިންދާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ފެހިކުރުމަށާއި، ދިވެހިވަންތަ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ބިމުން ލިބޭނެ މަގު ފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މަޝްރުޢޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިންމު އިސްނެގުމެކެވެ. މިއަދުގެ ހަރަކާތުގައި އެޗް.ޑީ.ސީގެ އިސްވެރިންނާއި، ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
