ފަރަންސޭސިވިލާތު ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި
ފަރަންސޭސިވިލާތު ގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ "ބަސްޓީލް ޑޭ"ގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޖޮން-ނޮއެލް ބަރޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ބަސްޓީލް ޑޭ ގެ މުނާސަބަތުގައި މަނިކުފާނަށާއި ފަރަންސޭސިވިލާތު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.
އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ވަޒަންކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
