"ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" 8 ވަނަ ބައި
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
ދުވަހު ނީލަން ކިއުން 8.
(ހ) ދުވަހު ނީލަމަކީ ދައުލަތުގެ އޮފީހަކުން އިޢުލާނު ކޮށްފައިވާ ވަކި ދުވަހަކާއި ވަގުތަކާއި ތަނެއްގައި ކުރިއަށްގެންދާ ނީލަމެކެވެ.
(ށ) ދުވަހު ނީލަން ބާއްވާ ތަނުގައި ނީލަން ފަށާ ގަޑިއާއި، ނީލަން ކިއާ ތަކެތީގެ އަގާއި، ނީލަމުގެ އަގަށް މަދުވެގެން އިތުރުކުރެވޭނެ އަދަދު އެ ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.
(ނ) ނީލަން ކިޔާ ތަކެތި ބައިބަޔަށް، (ލޮޓް) ބެހުމަށްފަހު، ކޮންމެ ބަޔަކަށް (ލޮޓަކަށް) ނީލަން ނަންބަރެއް ދޭންވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނޭހެން، ކޮންމެ ބައެއްގައި (ލޮޓެއްގައި) ހުންނަންވާނެއެވެ.
(ރ) ނީލަމެއް ކުރިއަށްގެންދަންވާނީ މަދުވެގެން 3 (ތިނެއް) ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 3 (ތިނެއް) ބައިވެރިން ހަމަނުވާނަމަ އި އުސޫލުގެ 4 (ހަތަރެއް) ވަނަ މާއްދާގެ ބ ގައިވާ ގޮތުގެ މަތިން ދެވަނަ ފަހަރަށް އިޢުލާނުކޮށް 2 (ދޭއް) ބައިވެރިން ނުވަތަ 1 (އެކެއް) ބައިވެރިއެއްގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ކުރިއަށްގެންދާނީ އެވެ. އަދި އެއްވެސް ފަރާތަކުން ބައިވެރިނުވެއްޖެ ނަމަ މި އުސޫލުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ އެ މުދައު ނައްތައިލުމަށް، މާލީ ޒިންމާދާރުވެރިޔާއަށް ހުއްދަދެވިދާނެއެވެ.
(ބ) ނީލަމުގައި ހުށަހަޅާ އަގުތައް ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް އެނގެންވާނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި އެ އަގަށް ވުރެ މަތީ އަގެއް ހުށަހެޅުމުގެ ފުރުސަތު 3 (ތިނެއް) ފަހަރު ދިނުމުންވެސް، ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން އިތުރު އަގެއް ނުކިޔާނަމަ, އެންމެފަހުން ހުން އަގު ހުށަހެޅި ފަރާތް ނީލަން ކާމިޔާބުކުރީ ކަމުގައި ނިންމާނީއެވެ.
(ޅ) ނީލަން ނިމުނު ގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނު ކުރަންވާނެ އެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް NLO6 ލިއުން ފުރިހަމަކުރުމަށްފަހު ހަވާލުކުރަންވާނެއެވެ.
(ކ) މުދާ ނީލަން ކިޔަން ދެ ފަހަރަށް އިއުލާންކުރުމުންވެސް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވެއްޖެނަމަ، މި އުސޫލުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މުދާ ނައްތާލުމަށް، މާލީ ޒިންމާދާރު ވެރިޔާއަށް ހުއްދަ ދެވިދާނެއެވެ.
