logo
banner image
ޚާރިޖީ ވުޒާރާ

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމް "އެކުއެކީގައި" ގެ 07 ވަނަ ސެޝަން ދިވެހި ދަރިވަރުންނަށް ބާއްވައިފި

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން 12 އޮކްޓޯބަރ 2024 އިން ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމް "އެކުއެކީގައި" ގެ 07 ވަނަ ސެޝަން ދިވެހި ދަރިވަރުންނަށް ބާއްވައިފިއެވެ.

މިސެޝަން ބާއްވާފައިވަނީ ޒެޑްއެކްސް އެޑިޔުކޭޝަން ކޮންސަލްޓެންސީ މޯލްޑިވްސް އާ ގުޅިގެން ދިވެހިރާއްޖޭގައެވެ. މިއީ މެލޭޝިޔާއިން ބޭރުގައި މިފަދަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. މިސެޝަން އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓްމްބަރ/އޮކްޓޯބަރ އިންޓޭކަށް އަލަށް މެލޭޝިޔާގެ ކޮލެޖް އަދި ޔުނިވަރސިޓީތަކާ ގުޅުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް ކަމުގައި ހައިކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

100އަށް ވުރެ ގިނަކުދިން ބައިވެރިވި މިޕްރޮގްރާމްގެ މަޤްސަދަކީ މެލޭޝިއާގައި ދިވެހި ދަރިވަރުން ފުރިހަމައަށް ތަޢުލީމް ހާސިލްކުރުމަށްޓަކައި އެކި ދާއިރާއިން އަހުލުވެރިކުރުމެވެ. މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަންމަތީތިބެ ކިޔެވުން، މެލޭޝިއާގެ އާދަކާދަޔާ ސާގާފަތް، ހައިކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތުގެ އިތުރުން ސިއްޚީ އަދި ތަޢުލީމީދާއިރާއާއި ގުޅޭ ކަންކަމުގައި އަހުލުވެރިކޮށްދިނުން ހިމެނެއެވެ.

ކާމިޔާބު ފަންނީ އަދި ހުނަރުވެރި މީހުން ބިނާކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކާމިޔާބު މުޖްތަމަޢުއެއް ބިނާކުރުމަށްޓަކައި މިޕްރޮގްރާމްގެ މުހިންމުކަން ފާހަގަކުރައްވާ ހައިކޮމިޝަނުން ވިދާޅުވީ މިޕްރޮގްރާމްގެ ޒަރިއްޔާއިން ދަރިވަރުންނަށް އެނގެންބެނުންވާ މުހިންމު މަޢުލޫމާތުލިބި ތަޢުލީމީ ހަޔާތުގައި މިމުޖުތަމަޢުއަށް ފުރިހަމަޔަށް އަހުލުވެރިވެގެންދާނެކަމަށެވެ.