ވައިގެ ނުސާފުކަން ކުޑަކުރުމަށް އެކުލަވައިލި "މާލޭ ޑިކްލަރޭޝަން" ވަރުގަދަކުރުމަށް ސަރަހައްދީ ފެންވަރުގައި މަޝްވަރާކޮށްފި
ދެކުނު އޭޝިއާ ސަރަހައްދުގެ ވައިގެ ނުސާފުކަން ކުޑަކުރުމަށާއި، އެކަމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ "މާލޭ ޑިކްލަރޭޝަން" އާ ބެހޭ ސަރުކާރުތަކުގެ 17 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު މާލޭގައި ބާއްވައިފިއެވެ.

ޖުލައި މަހުގެ 8 އިން 9 އަށް މާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (SACEP) އާއި ރީޖަނަލް ރިސޯސް ސެންޓަރ ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (RRC.AP) ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ "މާލޭ ޑިކްލަރޭޝަން" އިތުރަށް ހަރުދަނާކޮށް، ސަރަހައްދީ ފެންވަރުގައި ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ. މިގޮތުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކަނޑައަޅާފައިވާ މަސައްކަތުގެ ތާވަލާ (Work Programme) ބެހޭގޮތުން މެންބަރު ގައުމުތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުން ވަނީ ވައިގެ ނުސާފުކަމަކީ މުޅި ސަރަހައްދަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް، މިކަން ހައްލުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ އަޒުމް އާކޮށްފައެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވައިގެ ފެންވަރު ބެލުމާއި، މައުލޫމާތު ހިއްސާކުރުން އިތުރުކުރުމަށްވެސް މި ބައްދަލުވުމުގައި އެއްބަސްވެފައިވެއެވެ.
ދިވެހިރާއްޖޭގައި މިފަދަ މުހިންމު ބައްދަލުވުމެއް ބޭއްވިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
