logo
banner image

ދ. ކުޑަހުވަދޫގައި "އިޓްސް ކޫލް އެޓް 25" ކެމްޕޭނާއި "މަގޭ ސޯލާ" އަދި "ހަކަތަރި" ޕްރޮގްރާމްގެ ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފި

ދ. ކުޑަހުވަދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ހާއްސަ ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނަކީ "އިޓްސް ކޫލް އެޓް 25" ކެމްޕޭނުގެ ދަށުން، "މަގޭ ސޯލާ" އަދި "ހަކަތަރި" ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މި ސެޝަންގައި މައުލޫމާތު ދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އެނާޖީ ޑިޕާޓްމަންޓުގެ ޕްރިންސިޕަލް އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު ހައްވާ ލިއުޒާ އަލީ ޝަރީފާއި، އެނާޖީ އިންޖިނިއަރު ރިޒްނާ އަހުމަދު ރަޝީދެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ "މަގޭ ސޯލާ" ޕްރޮގްރާމްގެ ސަބަބުން ލިބޭ ފައިދާތަކާއި، "ހަކަތަރި" ލޭބަލް ޖަހާފައިވާ ކަރަންޓު ސާމާނު ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން، އާންމު ދިރިއުޅުމުގައި ހަކަތަ އިގްތިސާދު ކުރެވިދާނެ އަމަލީ ގޮތްތަކާއި، ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ގަތުމަށް އެހީތެރިވެދޭ "އުޖާލާ ދިރިއުޅުން" ފައިނޭންޝިއަލް ސްކީމާ ބެހޭ ތަފްސީލީ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މިފަދަ ސެޝަންތަކުގެ މައިގަނޑު މަގްސަދަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރުއެޅުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ ބޭނުންކުރުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.