ބ. ކިހާދޫގައި ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި، ވަޠަނީ ޚިދުމަތުގެ ދަރިވަރުން ބައިވެރިވެއްޖެ
ބ. ކިހާދޫގައި ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތުގައި، އެމްއެންޑީއެފް ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިހާރު ކުރިޔަށްދާ، "ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު-2" ގެ ދަރިވަރުން ޢަމަލީގޮތުން ބައިވެރިވެ އިޖުތިމާޢީ ޚިދުމަތުގެ ނަމޫނާ ދައްކައިފިއެވެ.
ބ. ކިހާދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ވެކްޓަރ ޓާސްކް ފޯސް ގުޅިގެން "ސާފުތާހިރުކަން ދުޅަހެޔޮ ޞިއްޙަތު" ގެ ނަމުގައި ހިންގި މި ހަރަކާތުގައި އެފަރާތްތަކާއި ބައިވެރިވެ، ފަންނީ ތަމްރީނު ހޯދަމުންދާ ދަރިވަރުނާއި މުދައްރިބުން ވަނީ ރަށުތެރޭގައި އުފެދިފައިވާ ކުންޏާއި، އުކާލާފައި ހުރި ދަޅާއި ޕްލާސްޓިކް ފަދަ ތަކެތި ހޮވައި، ރަށުގެ ބޮޑު ސަރަޙައްދެއް ސާފުކޮށް، މަދިރި އުފެދޭ ތަންތަން ނައްތާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިފަދަ އިޖުތިމާޢީ ހަރަކާތެއްގައި ދިވެހި ވަޠަނީ ޚިދުމަތުގެ ދަރިވަރުން ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ، އެކުދިންގެ ކިބައިގައި ޤައުމީ ލޯތްބާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މަތިވެރި ސިފަ އަށަގަންނުވައި، ރޫޙާނީގޮތުންނާއި އަޚުލާޤީގޮތުން ވަރުގަދަ ބައެއްގެގޮތުގައި އެކުދިން ބިނާކުރުމެވެ. މީގެ އިތުރުން، އަމަލީ މައިދާނުގައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ތަޖުރިބާކޮށް، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ދަސްކޮށްދިނުމަކީ މި ތަމްރީނުގެ ތެރެއިން ދަރިވަރުންނަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތެކެވެ.
މި ހަރަކާތުގެ ސަބަބުން، ދަރިވަރުންނަށް އިޖުތިމާޢީ ޒިންމާ އުފުލުމުގެ މުހިންމުކަން އޮޅުންފިލައި، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. މިއީ ހަމައެކަނި ފަންނީ ހުނަރު އުނގެނުމުގެ އިތުރުން، ޒިންމާދާރު ދިވެހި ދަރިއެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމަށް އެކުދިންނަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
މި ޕްރޮގްރާމުގައި ދަރިވަރުންނާއެކު އެމްއެންޑީއެފް ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދު، އެ ސްކޫލުގެ އެގްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފް އަދި ސީނިއަރ އެންލިސްޓެޑް ލީޑަރ، ކޮމާންޑް ސާޖަންޓް މޭޖަރ، އަޙްމަދު ޝަޤީފް ބައިވެރިވެލެއްވެވިއެވެ.
މި ޕްރޮގްރާމް ގައި ކިހާދޫގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން އެމްއެންޑީއެފް ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ދެއްވި އެއްބާރުލުމަށް ސްކޫލުގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.
-1783788392554.webp)