މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއް މެޓް އޮފީހުގެ މުވައްޒަފުންނަށް ފުރިހަމަކޮށްފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމް.އެމް.އެސް) ގެ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތިން ދުވަހުގެ "ކްލައިމެޓް މޮޑެލިންގ އެންޑް ޑައުންސްކޭލިންގ" ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ. މި ތަމްރީނުގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އެމް.އެމް.އެސް ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ވަޙީދެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން މޫސުމީ މޮޑެލްތައް ތައްޔާރުކުރުމާއި ޑައުންސްކޭލް ކުރުމުގެ މުހިންމު ތިއަރީތަކާއި ޢަމަލީ މަސައްކަތްތަކުގެ އިތުރުން، މިކަމުގައި ބޭނުންކުރާ އުޞޫލުތައް ބައިވެރިންނަށް އުނގަންނައިދީފައިވެއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ ރޭވުންތަކުގައާއި، މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގައި މޫސުމީ މަޢުލޫމާތު ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވެއެވެ.
-1783622242570.webp)
މި ތަމްރީނަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ގެ އެހީތެރިކަމާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ ފަންނީ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ "ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" (އެން.އޭ.ޕީ) މަޝްރޫޢުގެ ދަށުން ބޭއްވި ތަމްރީނެކެވެ.
