ކުޑަކުދިންނާއި ޒުވާނުންނަށް މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމާ ގުޅޭގޮތުން ޔުނިސެފާ އެކު މަޝްވަރާކޮށްފި
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ޔުނިސެފާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓަރ ޢަލީ ޝަރީފާއި، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއާ ދެމެދުގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، އެފަދަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކުޑަކުދިންނާއި ޒުވާނުން އަހުލުވެރިކުރުވުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރުމެވެ. މިގޮތުން، ތިމާވެށީގެ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، މޫސުމީ ކަންކަމުގައި ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.
މިނިސްޓަރ ޢަލީ ޝަރީފް ވަނީ މޫސުމީ ބަދަލުތަކަކީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާކަން ފާހަގަކުރައްވައި، މިކަމުގައި ޔުނިސެފުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޑރ. އެޑްވަރޑް އަޑާއީ ވަނީ ކުޑަކުދިންގެ ކުރިމަގު އުޖާލާކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދިވެހި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މޫސުމީ ބަދަލުތަކުން ކުޑަކުދިންނާއި ޒުވާނުންނަށް ކުރާ އަސަރުތައް ކުޑަކުރުމަށް ހިންގޭ މަޝްރޫއުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
