logo
banner image

ވައިގެ ނުސާފުމިން ބަލާ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ވައިގެ ނުސާފުމިން ދެނެގަތުމާއި، އެކަމަށް ބޭނުންކުރާ އާލާތްތަކާއި ޓެކްނޮލޮޖީއަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުވުމުގެ މަގްސަދުގައި މާލޭގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ބައްދަލުވުމަކީ ވައިގެ ސާފުމިން ބެލުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، މޮނިޓަރިންގ މެޝިންތަކުގެ ކެލިބްރޭޝަން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަމުގެ އިތުރުން، މި ދާއިރާއިން ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ މި ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އާރް.އާރް.ސީ.އޭ.ޕީ (RRCAP) ގެ މާހިރެކެވެ. މި ތަމްރީނުގެ ތެރެއިން، ތިއަރީ ސެޝަންތަކުގެ އިތުރުން އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން މިނިސްޓްރީގެ ދަށުން ގަލޮޅުގައި ގާއިމުކޮށްފައިވާ "އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން" އަށް ޒިޔާރަތްކޮށް، އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައިވެރިން ވަނީ ބަލާފައެވެ.

މި ފަދަ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ސާފުމިން ދެނެގަތުމުގެ ގާބިލުކަން އިތުރުވެ، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި ސަރުކާރުން ތިމާވެށީގެ ކަންކަމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ދަށުން، ވައިގެ ނުސާފުމިން ދެނެގަތުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.