logo
banner image

ޑެޕިއުޓީ މިނިސްޓަރު ނިޒާމް އިސްކޮށް ހުންނަވައި ތިލަދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ކުނި މެނޭޖުކުރުމާއި ތަޣައްޔަރުވުން ކޮންޓްރޯލްކުރުމާ ބެހޭ ދާއިރާގެ ޓީމަކުން، ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޒާމްގެ އިސްނެންގެވުމުގެ ދަށުން ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި ޓީމުން ވަނީ ހއ. ދިއްދޫ އާއި ހއ. މުރައިދޫގައި ގާއިމުކުރަމުންދާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ (IWRMCs) މަސައްކަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ހދ. ހަނިމާދޫގައި ހުރި ކުނި މެނޭޖުކުރާ މަރުކަޒު އިތުރަށް ތަރައްޤީކޮށް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސައިޓް އެސެސްމަންޓްތަކާއި ޕްރޮޖެކްޓް ސްކޯޕިންގްގެ މަސައްކަތްތައް ވެސް މި ޓީމުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޒިޔާރަތުގެ ތެރެއިން، ޑެޕިއުޓީ މިނިސްޓަރު ނިޒާމް އާއި ޓީމުގެ ބޭފުޅުން ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، ގާއިމުކުރެވޭ ކުނި މެނޭޖުކުރުމުގެ އިންފްރާސްޓްރަކްޗަރތައް ވީހާވެސް އަވަހަށް އަދި ރޭވުންތެރިކަމާއެކު އޮޕަރޭޝަނަލައިޒް ކުރުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ރަށްރަށުގައި ދެވޭ ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، ތިމާވެށި ރައްކާތެރި، ފެހި އަދި ދެމެހެއްޓެނިވި ރަށްތަކަކަށް ހެދުމަށްޓަކައި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުންތަކުގައި އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތިމާވެށި ހިމާޔަތްކޮށް، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދިޔަ މި ދަތުރުފުޅަކީ، އަތޮޅުތެރޭގެ ރަށްރަށުގެ ތިމާވެށީގެ ހާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.