ޖެނީވާގައި ކުރިއަށްދިޔަ އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަން ނިމިއްޖެ
ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ބައްދަލުވުން ވަނީ މިއަދު ނިމިފައެވެ.
މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ހުށަހެޅި 28 ޤަރާރު ފާސްކޮށް، ކައުންސިލްގެ ދަށުން ކަނޑައަޅާފައިވާ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރސް ގެ މަޤާމަށް 4 ފަރާތެއް ޢައްޔަންކޮށްފައިވެއެވެ. ކައުންސިލްގެ މިބައްދަލުވުމުގައި ގިނަ ޢަދަދެއްގެ މައުޟޫތަކުގެ މައްޗަށް ބަހުޘްކޮށް، އެކި ޤައުމުތަކުގެ އިންސާނީ ޙާލަތާމެދު މަޝްވަރާކޮށްފައިވެއެވެ. އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުގެ ބައްދަލުވުމުގައިވެސް ދިވެހިރާއްޖޭގެ ވަފުދުންވަނީ ސަރުކާރުން އިސްކަންދޭ އެކިއެކި ދާއިރާއިން ޤައުމީ ބަޔާންތައް ދީ، ގިނަ ޢަދަދެއްގެ ޤަރާރުތަކެއް ކޯ-ސްޕޮންސަރކޮށްފައެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ވަނީ ފަލަޞްތީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ. ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެދުއިރުމަތީގައި ދެމެހެއްޓެނިވި ހަމަޖެހުން ޤާއިމުކުރުމަށް ގޮވާލާފައެވެ.
ނިމިދިޔަ މިސެޝަންގައި ދިވެހިރާއްޖެއިން ވަނީ "އިންޑިޕެންޑެންސް އެންޑް އިމްޕަރޝަލިޓީ އޮފް ދަ ޖުޑިޝަރީ، ޖޫރަރސް އެންޑް އެސެސަރސް، އެންޑް ދަ އިންޑިޕެންޑެންސް އޮފް ލޯޔަރސް: މެންޑޭޓް އޮފް ދަ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔަރސް" ގެ ނަމުގައި ޤަރާރެއް ހުށަހަޅާފައެވެ. ކޯ-ގްރޫޕުގެ އެހެން މެންބަރުންނާއެކު ކުރެވުނު މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިޤަރާރު ވަނީ 60 އަށް ވުރެ ގިނަ މެންބަރުންގެ ކޯ-ސްޕޮންސަރޝިޕް އާއެކު، ކައުންސިލްގެ ފުރިހަމަ އަޣުލަބިއްތުން ފާސްވެފައެވެ. ހަމައެހެންމެ މިސެޝަންގައި ދިވެހިރާއްޖެއިން ވަނީ ސިއްޙީ އަދި ތަޢުލީމީ ދާއިރާއާއި، އަންހެނުން ބާރުވެރިކުރުމާއި، ޑިޖިޓަލް އަދި ސައިބަރސެކިއުރިޓީގެ ދާއިރާއާ ގުޅޭ މުހިންމު އެތަކެއް ޤަރާރުތައް ކޯ-ސްޕޮންސަރކޮށް، އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ހިފާފައިވާ ޢަޒުމް ރަމްޒުކޮށްދީފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެ ހިމެނޭ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ނަން-އަލައިންޑް މޫވްމެންޓް (ނާމް) ގެ ޖޮއިންޓް ސްޓޭޓްމަންތަކާއި ޤަރާރުތައްވެސް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރކޮށްފައެވެ. ހަމައެއާއެކު ދިވެހިރާއްޖެއިން ވަނީ ކުދި ޤައުމުތަކަށް ދިމާވެފައިވާ ސިއްޙީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި، އެގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފަންނީ އަދި މާލީ އެހީތެރިކަމަށް ގޮވާލައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓްއެއް ދީފައެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހިރާއްޖެއިން އިސްނަގައިގެން މިސެޝަންގައި ޚާއްސަ ޙަރަކާތެއްވެސް ވަނީ ބާއްވާފައެވެ. "އަ ސްމޯލް އައިލެންޑްސް ސްޓޯރީ: 20 ޔިއަރސް އޮފް އެޑްވޮކަސީ އެންޑް އިންފްލުއެންސް އެޓް ދަ ހިއުމަން ރައިޓްސް ކައުންސިލް" މި ޝިޢާރުގެ ދަށުން ބޭއްވުނު މި ޙަރަކާތް ބަހާމާސް، ފީޖީ، ފިންލެންޑް، މާޝަލް އައިލެންޑްސް އަދި ވަނުއާޓޫގެ އިތުރުން ޔުނިވަރސަލް ރައިޓްސް ގްރޫޕް އާއި އެސެކްސް ހިއުމަން ރައިޓްސް ސެންޓަރ އިން ވެސް ވަނީ ކޯ-ސްޕޮންސަރކޮށް ދިވެހިރާއްޖެއަށް އެއްބާރުލުން ދީފައެވެ. މިއީ ފާއިތުވެދިޔަ 20 އަހަރުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އަދާކޮށްފައިވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލުމަށް ބޭއްވުނު ޙަރަކާތެކެވެ.
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ސަލްމާ ރަޝީދުއެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދާއި، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމާއި، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާހީންއާއި، އެޓާޗޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.
