ލިޔުންތެރިންނަކީ ޤައުމިއްޔަތުގެ ރޫޙު ދަރީންގެ ހިތްތަކުގައި އަށަގެންނެވި ބައެއް: ވަޒީރު ހީނާ
ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ޤައުމިއްޔަތުގެ ރޫޙު ދަރީންގެ ހިތްތަކުގައި އަށަގެންނެވި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވަމުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.
ވަޒީރުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ލިޔުންތެރިންނަކީ ރާއްޖޭގެ ފުރަތަމަ މަޖައްލާ "އަލްއިޞްލާޙު"ގެ ޢިލްމީ މަޒުމޫނުތަކުން ޤައުމު ހޭލުންތެރިކުރުވައި، "ވާހަކަ ކޮމިޓީ"ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ދިރުންދިން ބައެކެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޤައުމެއް ތަރައްޤީވެ ކުރިއަރައިދާއިރު، މުޖުތަމަޢުގެ ޢާންމު އަޚުލާޤު ހިފެހެއްޓުމުގައާއި، ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް ލިޔުންތެރިން ކުރާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ. ބަސް ދިރުވައި، މުޖުތަމަޢަށް ބޭނުންވާ ހޭލުންތެރިކަން ގެނެސްދިނުމަށްޓަކައި ލިޔުންތެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ ޒުވާން ލިޔުންތެރިންނަށް ހިތްވަރުދީ، ކުރިއަށްދާނެ މަގު ދެއްކުމަކީވެސް މި ދުވަހުގެ މުހިންމު ބޭނުމެކެވެ.
