މޫސުމީ ބަދަލުތަކަށް ހޭނުމަށް އެހީތެރިވުމަށް "ވިލުންވެށި" ގްރާންޓް ޕްރޮގްރާމް އިފްތިތާޙްކޮށްފި
މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ހޭނުމަށާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ވިލުންވެށި" ގްރާންޓް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި މަޝްރޫޢު ހިންގަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރމަންޓް އެންޑް އެނާރޖީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.
ވިލުންވެށި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖޭގައި ހިންގާ ތަފާތު މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން، ވަކިވަކި ފަރުދުންނަށާއި، މަދަނީ ޖަމްޢިއްޔާތަކަށާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނަށް މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.
މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ހަރަކާތްތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އެކި މުއައްސަސާތަކުން ހިންގާ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތަކަށްވެސް މި ގްރާންޓުގެ ދަށުން ފުރުޞަތު ހުޅުވާލެވިފައިވެއެވެ. މި ޕްރޮގްރާމްގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެސް.އެމް.އީ ޑިޖިޓަލް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށްނެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކަށް ދިވެހިން އަހުލުވެރިކޮށް، ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
