ވަޒީރު އަލީ ޝަރީފް، އެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީއާ ބައްދަލުކުރައްވައިފި
ތިމާވެއްޓާއި ތަރައްގީއާ ބެހޭ 9 ވަނަ ކޮމިޓީގެ ބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު އަލީ ޝަރީފް، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިއާޑާ ސަލްސިއާ އަލިސްޖަބާނާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޔޫއެންއެސްކެޕާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތް ގުޅިގެން ކުރާ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުންނެވެ. ވަޒީރު އަލީ ޝަރީފް ވަނީ ރާއްޖޭގެ ތަރައްގީގެ ދާއިރާތަކުންނާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެސްކެޕްގެ އެހީތެރިކަމާއި އެއްބާރުލުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

އެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިއާޑާ ސަލްސިއާ ވަނީ ރާއްޖެއިން ތިމާވެށީގެ ދާއިރާއިންނާއި ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ބޭނުންވާ ފަންނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
