logo
banner image

ބެންކޮކްގައި ބޭއްވި 'ބްލޫ ކާބަން ފައިނޭންސް' އިވެންޓުގައި މިނިސްޓަރު އަލީ ޝަރީފް ތަޤުރީރު ކުރައްވައިފި

އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫ.އެން އެސްކެޕް) އިން އިންތިޒާމުކޮށްގެން ބޭއްވި ތިމާވެއްޓާއި ތަރައްޤީއާ ބެހޭ ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "ބްލޫ ކާބަން ފައިނޭންސް" އިވެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވައިފިއެވެ.

މި އިވެންޓުގައި ދެއްވި ތަޤުރީރުގައި މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް މޫދުވިނައިގެ މައިދާންތަކާއި ކަނޑޫފާތަކަކީ ހަމައެކަނި ކާބަން ރައްކާކުރާ ނިޒާމުތަކެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ރަށްތަކުގެ ސަލާމަތާއި، ކާނާގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ދިރިއުޅުމުގެ މައިގަނޑު އަސާސް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ހިމާޔަތްކުރުން އިތުރުކުރުމަށާއި، ޤައުމީ ފެންވަރުގައި އެކުލަވައިލާ މޫސުމީ އިސްތިރާތީޖީތަކުގެ ތެރޭގައި 'ބްލޫ ކާބަން' ނުވަތަ ކަނޑުގެ މާހައުލުން ކާބަން ދަމައިގަތުމުގެ ނިޒާމު ހިމެނުމަށް ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު އަލީ ޝަރީފް އަލިއަޅުއްވާލެއްވިއެވެ. ވަކިން ހާއްސަކޮށް، ކަނޑޫފާތައް އާލާކުރުން ފަދަ ނިޒާމުތަކަށް ބަރޯސާވެގެން ހޯދޭ ހައްލުތައް ފުޅާކުރުމަށް ރާއްޖެއިން އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ބްލޫ ކާބަން މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައާއި، ކާބަން މިނެކިރާނެ އެއްގޮތް އުސޫލުތަކެއް ކަނޑައެޅުމުގައި ސަރަޙައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުއްވިއެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ދަށު ފަންތީގެ މުޖުތަމައުތަކަށް ބާރުވެރިކަން ލިބި، ދެމެހެއްޓެނިވި ތަރައްޤީއާއި ތަނަވަސްކަމަށް މަގުފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.