"ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" 4 ވަނަ ބައި
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
ނީލަމަށް ތަކެތި ފޮނުވުމާއި ނީލަންކިއުން 4.
(ހ) ނީލަން ކިއުމަށް މުދާ ފޮނުވަންވާނީ، NL01 ފޯމު އެ އޮފީހެއްގެ ޕްރޮކިއުމަންޓާ ސެކްޝަނުން ނުވަތަ އެ މަސައްކަތެއް ކުރުމަށް ހަވާލުކޮށްފައިވާ ފަރާތުން ފުރިހަމަކުރުމަށްފަހު މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާ އެކުގައެވެ.
(ށ) ނީލަން ކިއުމަށް ފޮނުވޭ މުދަލަކީ އެ އޮފީހަކަށް ބޭނުންކުރެވެން ނެތް މުދަލެއްކަމުގައި ނުވަތަ ބޭނުންކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައިވާ މުދަލެއް ކަމުގައި މާލީ ޒިންމާދާރު ވެރިޔާ ކަށަވަރު ކުރަންވާނެއެވެ.
(ނ) ނީލަން ކިއުމަށް ފޮނުވާ މުދަލަކީ، މާލެ ފިޔަވައި އެހެން ރަށެއްގައި މުދަލެއް ނަމަ މި އުސޫލުގައިވާ ގޮތުގެމަތިން އެ މުދަލެއް ހުރި ރަށެއްގައި ނީލަންކިޔައިގެން ވިއްކައިލެވިދާނެއެވެ.
(ރ) ކޮންމެ ތަނެއްގައި ނީލަންކީ ކަމުގައި ވިޔަސް ނީލަން ކިއުމަށް ހުރިހާ މަރުހަލާއެއްގައިވެސް ނީލަންކިޔާ ތަކެތީގެ ހިސާބު ލިއުމުން ބަލަހައްޓަންވާނެއެވެ.
(ބ) ދައުލަތުގެ މުދާ ނީލަމުގައި ވިއްކައިލަންވާނީ، އެ މުދަލެއް ނީލަމުގައި ވިއްކައިލަން މަދުވެގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޢިއުލާންކުރުމަށްފަހުގަ އެވެ.
(ޅ) ކައުންސިލްތަކުންނާއި، މާލެ ފިޔަވައި އެހެން ރަށެއްގައި ހުރި ދައުލަތުގެ އޮފީސްތަކުން ނީލަންކިޔާ ތަކެތި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްފަހު، އެ ކައުންސިލެއްގެ ނުވަތަ އެ އޮފީހެއްގެ ނޯޓިސް ބޯޑުގައި އިޢުލާނު ބަހައްޓަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) އާއި (ޅ) ގައިވާ ގޮތުގެ މަތިން ކުރާ އިޢުލާނުތަކުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.
(1) ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަނާއި، ގަޑިއާއި، ތާރީޚު؛
(2) ނީލަންކިޔާ މުދަލުގެ މަޢުލޫމާތު
(3) ނީލަން ފެށުމަށް ކަނޑައަޅައިފައިވާ އަގު
(4) ނީލަން ކިއާނެ ގޮތް؛
(އ) ނީލަންކިޔަން ބޭނުންވާ މުދާ ހުރިތަނަކުން އެހެން ތަނަކަށް ގެންދިއުމުގެ ކުރިން، މުދަލުގެ ބާވަތާއި، އަދަދާއި، ކޯޑް ނަންބަރު އެނގޭގޮތަށް، NL03 ފޯމުގައި ލިއުމަށްފަހު، އެ މަސައްކަތްކުރި މުވައްޒަފާއި، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ މުވައްޒަފަކު އެ ތަކެތި ޗެކުކޮށްފައި ސޮއިކުރަންވާނެއެވެ. މި ފޯމާ މާލީ ޒިންމާދާރު ވެރިޔާ ސޮއިކޮށްފައިވާ NL01 ފޯމުގެ ކޮޕީއެއް އެއްހީރަސްކޮށް (އެޓޭޗްކޮށް)
އެ އޮފީހުގައި ފައިލުކޮށް ބަލަހައްޓަންވާނެއެވެ.
(ވ) ފުރަތަމަ ފަހަރަށް ނީލަންކިޔައިގެން މުދާ ނުވިކިއްޖެނަމަ މި މާއްދާގެ (ބ) އާއި (ޅ) ވާ ގޮތުގެ މަތިން ދެވަނަ ފަހަރަށް އެ މުދާ ނީލަން ކިޔަންވާނެއެވެ.
(މ) ފުރަތަމަ ފަހަރު ނީލަން ކިޔުމުން ނުވިކި ހުންނަ މުދާ ދެވަނަ ފަހަރު ނީލަންކިޔައިގެންވެސް ނުވިކިއްޖެނަމަ، އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ މަޝްވަރާގެ މަތިން، ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް، އެ މުދަލެއް ވިއްކަިއލެވޭތޯ، މާލީ ޒިންމާދާރު ވެރިޔާ މަސައްކަތް ކުރަންވާނެއެވެ. އެގޮތަށްވެސް އެ މުދަލެއް ނުވިކިއްޖެނަމަ، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާލީ ޒިންމާދާރު ވެރިޔާގެ ހުއްދަޔާއެކު އެ މުދަލެއް ނައްތައިލެވިދާނެއެވެ. މިގޮތުން ނައްތައިލައި މުދަލުގެ މައުލޫމާތު ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
