ތައިލެންޑުން ރާއްޖޭގެ ތިމާވެށީގެ މަޝްރޫއުތަކަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މިނިސްޓަރާއި ސަފީރު މަޝްވަރާކުރައްވައިފި
މިނިސްޓަރު ޢަލީ ޝަރީފް، ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ފުއާދު ތައުފީޤާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ތައިލެންޑުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. ޚާއްޞަކޮށް ރާއްޖޭގައި މިހާރު ކުރިއަށްދާ ތިމާވެށީގެ އެކި އިސްނެގުންތަކަށް ބޭނުންވާ ފަންނީ އަދި އިލްމީ އެހީތެރިކަން ތައިލެންޑް ސަރުކާރުގެ ފަރާތުން ހޯދުމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
މިނިސްޓަރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ތައިލެންޑަކީ ތިމާވެށީގެ ދާއިރާގައި ބޭނުންކުރާ ޓެކްނޮލޮޖީއާއި، އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެކެވެ. އެހެންކަމުން، އެ ޤައުމުގެ ތަޖުރިބާއާއި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރާއްޖޭގެ ތިމާވެށީގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަކީ ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ.

މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އައު މަޝްރޫއުތަކަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
