"ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" 10 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ދައުލަތުގެ މުވައްޒަފަކާއި ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާއި ބެހޭ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
އުސޫލު މާނަކުރުން 10.
މި އުސޫލުގެ ބޭނުމަށް އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކުގެ މާނަކުރާނީ އަންނަނިވި ފަދައިންނެވެ. އަދި މި އުސޫލުގެ ބޭނުމަށް މާނަކުރުން ހިމަނާފައި ނުވާނަމަ، މި އުސޫލުގައި ބަޔާންކޮށްފައިވާ އިމާރާތްތައް މާނަކުރާނީ، ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ މާނައާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ހ) "ދައުލަތުގެ މާލިއްޔަތު ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރ 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށާއި އެ ޤާނޫނަށް ގެންނަ އެންމެހައި އިސްލާހުތަކަށެވެ.
(ށ) "ދަޢުލަތުގެ މާލިއްޔަތުގެ ޤަވައިދު" ކަމަށް ބުނެފައި ވަނީ، އެ ގަވައިދާއި ގަވައިދަށް ގެންނަ އެންމެހާ އިސްލާޙުތަކަށެވެ.
(ނ) "ދަޢުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހާ އިދާރާތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއްސަސާތަކާއި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ މާލީ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ދައުުލަތުގެ ވުޒާރާތަކަށެވެ.
(ބ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާއި ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަކަށެވެ.
(ޅ) "މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ޑިސެންބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތުގެ ނިޔަލަށެވެ. މި މުއްދަތު ގުނުމުގައި، މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނއެވެ.
(ކ) "ދައުލަތުގެ މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ ސަރުކާރު މަސްއޫލު އޮފީސްތަކާއި އޮފީސްތަކުގެ ދަށުން ހިންގަމުންދާ ތަންތަނާއި ދައުލަތުގެ އޮފީސްތަކުން މުސާރައެއް ނުވަތަ އުޖޫރައެއް ދޭ ގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ.
(އ) "ކްލޯޒް ރިލޭޓިވް" ނުވަތަ "އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، މައިންބަފައިންނާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ދޮންދަރިންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.
(ވ) "ކްލޯޒް ރިލޭޓިވް" ނުވަތަ "އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާއި ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތަކަށެވެ.
(މ) "ބަޖެޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނަކަށް ކުރިޔަށް އޮތް އަހަރުގައި އޮތް އަހަރުގައި ލިބޭނެކަމަށް އަންދާޒާކުރެވޭ މިންވަރާއި ފައިސާހުރި މިންވަރަށް ބަލައިގެން ކުރިއަށްއޮތް އަހަރުގައި ޚަރަދުކުރުމަށް ތައްޔާރުކުރާ ޕްލޭނަށެވެ.
(ފ) "ޕްރޮކިއުމަންޓް" ނުވަތަ "ޕްރޮކިއުކުރުން" ކަަމަށް ބުނެފައި އެވަނީ، އެތަނަކަށް ބޭނުންވާ މުދަލެއް ގަތުމަށާއި، ޚިދުމަތް ހޯދުމަށާއި، މަސައްކަތް ކުރުވުމަށާއި، މަސައްކަތް ކުރުވުމަށާއި މިކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށެވެ.
(ދ) "ޕްރޮކިއުމަންޓް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ޕްރޮކިއުމަންޓާއި ބެހޭ އެންމެހާ ކަންކަން ކުރުމަށާއި، އެކަމާބެހޭ ލިއުންތަކާއި ހިސާބު ބެލެހެއްޓުމަށް އެންމެހައި ކަންކަން އެ ތަނެއްގެ އިދާރީ އޮނިގަނޑުގައި ނުވަތަ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރުގައި ކަނޑައަޅާފައިވާ ފަންތިއަށެވެ.
(ތ) "ވިޔަފާރީގެ މުޢާމަލާތް" ކަމަށް ބުނެފައި އެވަނީ، މުދަލަެއް ގަތުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ނުވަތަ މި ނޫންވެސް ގޮތްގޮތުން މަންފާއެއް ލިބުގަތުމަށް ކުރެވޭ ކޮންމެ ކަމަކަށެވެ.
(ލ) "ކޮންސަލްޓެންޓް" ކަމަށް ބުނެފައި އެވަނީ، ވަކި ޚާއްސަ ދާއިރާއަކުން ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް އެއްބަސްވުމެއްގެދަށުން ވަގުތީގޮތުން އައްޔަންކުރާ ފަރާތަކަށެވެ.
