ފްރާންސްގައި ބޭއްވި އަޓޭޗް (ATACH) ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
ފްރާންސްގެ ޕެރިހުގައި ބޭއްވި 'އެލަޔަންސް ފޯ ޓްރާންސްފޯމޭޓިވް އެކްޝަން އޮން ކްލައިމެޓް އެންޑް ހެލްތު' (ATACH) ގެ ހައި-ލެވެލް ސްޓްރެޓީޖިކް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާއި ސިއްހަތާ ގުޅުންހުރި ކަންކަމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މިނިސްޓަރުންނާއި، ބައިނަލްއަގުވާމީ އިދާރާތަކާއި، ކަމާބެހޭ މާހިރުން އެއްވެ، ފިޔަވަޅުތައް ވަރުގަދަކުރުމަށް ބޭއްވި ސަމިޓެކެވެ.
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޞިއްޙީ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ވެފައިވާ ވައުދުތައް، އަމަލީ ގޮތުން ތަންފީޒުކުރުމަށް މަގުފަހިކޮށްދިން މުހިންމު ފުރުސަތެކެވެ. މިނިސްޓީރިއަލް ރައުންޑްޓޭބަލް ސެގްމެންޓްތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، މޫސުމީ ގޮންޖެހުންތަކަށް ކެތްކުރެވޭނެ ފަދަ ދެމެހެއްޓެނިވި ޞިއްޙީ ނިޒާމުތަކެއް ބިނާކުރުމަށާއި، ދާއިރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމުގެ މައްޗަށެވެ.
މި ބައްދަލުވުމުގެ ތެރެއިން، މޫސުމީ ސިޔާސަތުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ ލީޑަރުންނާއެކު ރާއްޖެއިން ވަނީ ވަކާލާތުކޮށްފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ދާއިރާއަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ތަފްސީލުތައް ހިއްސާކުރެއްވިއެވެ.
ކޮމިއުނިޓީ އަދި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން: ދާއިރާތައް ގުޅިގެން ކުރާ މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ކާމިޔާބުކުރެވޭނީ ރަށު ފެންވަރުގައި މަސައްކަތް ކުރެވިގެންކަން ފާހަގަކޮށް، ރާއްޖެއިން އަންނަނީ ރަށްރަށުގެ ކަމާބެހޭ ފަރާތްތަކާއި އާންމު މުޖުތަމައުއާއެކު ހަރަކާތްތެރިވަމުންނެވެ. ޞިއްޙީ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރެއަށް މޫސުމީ ބަދަލުތަކަށް ކެތްކުރުމުގެ ބައި ހިމަނައިގެން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކަށް ރަށްރަށުގެ ޞިއްޙީ ހިދުމަތްދޭ ތަންތަން ތައްޔާރުކުރުމަށް މަސައްކަތް ކުރެވެއެވެ.
މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ޞިއްޙީ މަރުކަޒުތައް: މޫސުމީ ގޮތުން ކުރިމަތިވާ ލޮޅުންތަކަށް ޞިއްޙީ އުމްރާނީ ވަސީލަތްތައް ހޭނުވުމަށްޓަކައި، ރާއްޖޭގެ 4 ހޮސްޕިޓަލެއްގައި މިހާރު ވަނީ ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައެވެ.
ސިއްހީ މަރުކަޒުތައް ސޯލާރައިޒްކުރުން (އިރުގެ ހަކަތަ ބޭނުންކުރުން):ޞިއްޙީ ދާއިރާ ތިމާވެއްޓާ ރައްޓެހި ދާއިރާއަކަށް ހެދުމަށްޓަކައި، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށާއި މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ކަށަވަރުކުރުމަށް ޞިއްޙީ މަރުކަޒުތަކުގައި އިރުގެ ހަކަތަ ބޭނުންކުރުމުގެ މަޝްރޫއުތަކަށް ރާއްޖެއިން ހާއްސަ އިސްކަމެއް ދެއެވެ.
ތިމާވެއްޓާ ރައްޓެހި ހެލްތުކެއާ މެނޭޖްމަންޓް: ތިމާވެއްޓާ ރައްޓެހި މެނޭޖްމަންޓަކަށް ދިއުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރެވުނެވެ. މީގެ ތެރޭގައި މޫސުމަށް ފެތޭ ސަޕްލައި ޗެއިންތަކާއި، މެޑިކަލް ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމުތަކާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތައް ހިމެނެއެވެ.
މިކަންތައްތައް އަމަލީ ގޮތުން ތަންފީޒުކުރުމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ކެތްތެރިކަން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާއްޖެއިން ފާހަގަކުރިއެވެ. މި ބައްދަލުވުމުގެ ޕެނަލްތަކުގައި އިސްކޮށް ހަރަކާތްތެރިވުމުން، ބައިނަލްއަގުވާމީ މޫސުމީ އެޖެންޑާގެ އެންމެ ކުރީ ސަފުގައި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި، ޑޭޓާ އިންޓަގްރޭޝަނާއި، ފައިނޭންސިންގެ ބޭނުންތައް ވަކާލާތުކުރުމުގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާވެގެންދިޔައެވެ.
