logo
banner image

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް މ. މުލަކުގައި މިއަދު ފާހަގަކޮށްފި

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް މ. މުލަކުގައި މިއަދު ފާހަގަކޮށްފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ހުރިހާ ޤައުމެއްގައިވެސް ފާހަގަކުރައެވެ. މިގޮތުން ރާއްޖޭގައިވެސް މި ދުވަސް އަންނަނީ ކޮންމެ އަހަރެއްގައި ވެސް ފާހަގަ ކުރަމުންނެވެ.

މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ދުންފަތާއި ނިކޮޓިންގެ އުފެއްދުންތައް ބޭނުންކުރުމުންނާއި ދުންފަތުގެ ދުމަށް ހުށަހެޅުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކާއި، ދުންފަތާއި ގުޅިފައިވާ މާލީ އަދި އިޖްތިމާޢީ މައްސަލަތަކާއި ޤައުމުތަކުގެ އުފެއްދުންތެރިކަމާއި ތަރައްޤީއަށް ކުރާ ނޭދެވޭ އަސަރު ހާމަކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ މުހިއްމުކަމާމެދު ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި ވަކާލާތުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ޤައުމަތަކުން ކުރާ މަސައްކަތަށް ހިއްވަރު ދިނުމުގެ ގޮތުންނެވެ.

ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރަނީ އެއިރެއްގައި އެންމެ އިސްކަންދޭންޖެހޭ ޙާލަތަކާއި ނުވަތަ ދުންފަތް ކޮންޓްރޯލް ކުރުމަށް މުހިއްމު ކަމެއް ހިމެނޭ ޝިޢާރެއްގެ ކަނޑައަޅައިގެންނެވެ. މިއަހަރުގެ ޝިއާރަކީ، އޮޅުވާލުންތައް ހާމަކޮށް ނިކޮޓިންއާއި ދުންފަތުން ރައްކާތެރިކުރުން. Unmasking The Appeal: Countering Nicotine and Tobacco Addiction.އެވެ.

މިއަހަރުގެޝިއާރު އަމާޒު ކުރެވިފައިވަނީ، ދުންފަތާއި ނިކޮޓިންގެ ބާވަތްތަކުގެ ނުރައްކާތެރިކަމާމެދު ސުވާލު އުފައްދާ އޮޅުވާލުމަށް، ދުންފަތުގެ ސިނާޢަތުން ބޭނުންކުރާ އުކުޅުތައް ހާމަކޮށް ޙަޤީޤަތް ބުނެދިނުމުގެ މައްޗަށެވެ. މީގެ ތެރޭގައި ދުންފަތުގެ އެކި ބާވަތްތައް މީހުންނަށް އޭގެ އަސްލު އޮޅޭކަހަލަ، އަދި ފުރާވަރުކުދިންނާއި ޒުވާނުންގަޔާވާކަހަލަ ޑިޒައިންތަކާއި ރަހަތާކާއި ކުލަތައް ބޭނުންކޮށްގެން އަދި އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކާއި ފަތުރާ މަޢުލޫމާތު ހިމެނެއެވެ.

މ. މުލަކުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވާ، ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭންގެ "ލޯގޯ" އިފްތިތާޙުކޮށްދެއްވިއެވެ. އަދި މި އަހަރުގެ ޝިއާރާ ގުޅުވައިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ހިނގުނު "ލައިވް ކެންވަސް ކުލަޖެއްސުން" ހަރަކާތުގައި ވެސް މެޑަމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މ.މުލަކު ސްކޫލު ކުދިންގެ ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކުރުމާއި "ހެލްތް މިނިސްޓަރސް އެވޯޑް ފޯ ޓޮބޭކޯ ކޮންޓްރޯލް އެކްސެލެންސް" ލިބޭ ފަރާތްތައް އިޢުލާން ކުރުން މި ރަސްމިއްޔާތުގައި ކުރިއަށް ގެންދެވުނެވެ.