އެންޑީއެމްއޭގެ އިސްވެރިން އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފާ ބައްދަލުކުރައްވައިފި
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަނާއި އެ އޮތޯރިޓީގެ އިސް މެނޭޖްމަންޓް ޓީމުން، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ މުއައްސަސާ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ގުޅުން ބަދަހިކުރުމެވެ.
މި ބައްދަލުވުމުގައި، ކާރިސީ ހިރާސް ކުޑަކުރުމަށާއި (Disaster Risk Reduction) މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ (Climate Change Adaptation) ދާއިރާއިން މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ތަފްޞީލީ ގޮތެއްގައި ވާހަކަދެކެވުނެވެ. އަދި މި ދާއިރާތަކުން ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ބައްދަލުވުންތަކަކީ ދެ މުއައްސަސާގެ ދައުރު ފުރިހަމައަށް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެންޑީއެމްއޭގެ އިސްވެރިންގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
