ބަޔޯސޭފްޓީ އަދި ނަގޯޔާ ޕްރޮޓޮކޯލްގެ ރިޕޯޓް ތައްޔާރުކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
ކާޓޭޖީނާ ޕްރޮޓޮކޯލް އޮން ބަޔޯސޭފްޓީއަށް ހުށަހަޅަންޖެހޭ 5 ވަނަ ގައުމީ ރިޕޯޓާއި، ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް އެންޑް ބެނެފިޓް ޝެއަރިންގްއަށް ހުށަހަޅަންޖެހޭ ފުރަތަމަ ގައުމީ ރިޕޯޓް ތައްޔާރުކުރުމާ ގުޅޭގޮތުން ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
-1782403276340.webp)
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (UNEP) އަދި ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (CBD) ގެ ފަންނީ މާހިރުންގެ އެހީތެރިކަމާއެކު ބޭއްވުނު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ފުރިހަމަކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައި ކަމާބެހޭ މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރުމާއި، އެކަމަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.
-1782403302121.webp)
މި ބައްދަލުވުމުގައި ދާއިރާއާ ގުޅުންހުރި އެކި މުއައްސަސާތަކުން ބައިވެރިވިއިރު، ރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރާނެ ގޮތްތަކާއި، 'ކްލިއަރިންގް ހައުސް މެކޭނިޒަމްސް' (Clearing House Mechanisms) ބޭނުންކުރާނެ ގޮތުގެ އިރުޝާދު ބައިވެރިންނަށް ވަނީ ދީފައެވެ.
މީގެ އިތުރުން، މި ރިޕޯޓްތަކަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމަށާއި، ޖެނެޓިކް ވަސީލަތްތަކުން ލިބޭ ފައިދާ ހަމަހަމަގޮތެއްގައި ބޭނުންކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭނެ މުހިންމު ލިޔެކިޔުންތަކެކެވެ.
މިފަދަ މަސައްކަތު ބައްދަލުވުންތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
-1782403239746.webp)