logo
banner image

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ގެ ގައިޑުންގެ އަދަދު 636 އަށް އަރައިފި

އަރި އަތޮޅު ދެކުނުބުރީގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައިވާ ސަރަޙައްދު ނުވަތަ "ސަމްޕާ" (SAMPA) އަށް ޚާއްޞަ ގައިޑުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން، މިއަދު އިތުރު 12 ބައިވެރިއަކު ގައިޑް އިމްތިހާނު ފުރިހަމަކޮށްފިއެވެ. މިއާއެކު، ސަމްޕާގެ ސެޓިފައިޑް ގައިޑުންގެ ޖުމްލަ އަދަދު މިހާރު ވަނީ 636 އަށް އަރާފައެވެ.

މި ކާމިޔާބީއަކީ ސަމްޕާ ސަރަޙައްދުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކަމާއެކު ފަތުރުވެރިންނަށް ދެއްކުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ސަމްޕާގެ ސެޓިފައިޑް ގައިޑަކަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ބުދަ ދުވަހަކު އދ. މާމިގިލީގައި އަދި މާލޭގައި އިމްތިހާނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ޝަރުޠުތައް ފުރިހަމަކުރަންޖެހެއެވެ:

ގައިޑް އިމްތިހާނުން %75 އަށްވުރެ މަތިން މާކްސް ހޯދުން.

އިމަޖެންސީ ފަސްޓް ރެސްޕޮންސް (EFR) ފުރިހަމަކޮށްފައިވުން.

ރެސްކިއު ޑައިވަރ ސެޓިފިކެޓް ނުވަތަ ސްނޯކަލް ގައިޑް އަދި ލައިފްގާޑް ސެޓިފިކެޓް އޮތުން.

މި އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އެދެއެވެ. އަދި މިހާރު ސެޓިފައިވެފައިވާ ގައިޑުންގެ ލިސްޓުވެސް މިނިސްޓްރީގެ ވެބްސައިޓުން ބަލާލެވޭނެއެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.