logo
banner image
ޚާރިޖީ ވުޒާރާ

އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީ ފާހަގަކުރުމުގެ ގޮތުން ފޮރިން މިނިސްޓްރީއިން ޕެނަލް ޑިސްކަޝަން އެއް ބާއްވައިފި

އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީ ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި "ވިމަން އިން އެކްޝަން: ޑިޕްލޮމަސީ އެކްރޮސް ސެކްޓާސް" ގެ ނަމުގައި ޕެނަލް ޑިސްކަޝަން އެއް މިއަދު ބާއްވައިފިއެވެ.

މި އިވެންޓުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ކީ-ނޯޓް އެޑްރެސްއެއް ދެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ނިންމުންތައް ނިންމާ މަރުހަލާގައި އަންހެނުންގެ ފުރިހަމަ، ހަމަހަމަ އަދި މާނަވީ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަނާ ވަނީ އެކި ދާއިރާތަކުގައި ޑިޕްލޮމަސީގައި ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތްތަކަށް އަލިއަޅުވާލައި، އަންނަން އޮތް ޖީލުތަކުގެ އަންހެން ލީޑަރުން ބާރުވެރިކޮށް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅަށްފަހު، ފެނަލް ޑިސްކަނެއް ކުރިއަށް ގެންދިޔައެވެ. މި ޕެނަލްގައި ހިމެނެނީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝައިނާ އާއި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ޑިރެކްޓަރ މުންޝިދާ އިބްރާހިމް އާއި ބަންޑާރަނައިބު އޮފީހުގެ އެސިސްޓަންޓް ޗީފް ކައުންސެލް ފައިނާ ފައްޔާޒު އާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ޕްރިންސިޕަލް އިންޓަނޭޝަންސް ރިލޭޝަން އޮފިސަރ ފާތިމަތު އުސްރާ އެވެ. އަދި، މި ޕެނަލް މޮޑަރޭޓް ކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ފާތިކާ ފަޔާޒްއެވެ. މި ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ އެ ދާއިރާތަކުން ކުރެވޭ މަޝްވަރާތަކާއި ބައިނަލްއަޤްވާމީ ގުޅުންތަކުގައި އަންހެނުންގެ ދައުރާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ނިންމާ ނިންމުންތައް ބައްޓަންކުރުމާއި، ޤައުމުގެ އެންމެ މަތީ މަސްލަޙަތު ކުރިއެރުވުމުގައި އަންހެނުން ޙިއްސާވާ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ޑިޕްލޮމެސީގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މި ޕެނަލްގައި މަޝްވަރާކުރިއެވެ.

މި އިވެންޓްގައި މި މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނަޢީމް އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ އާމިނަތު އިސްފާ އިބްރާހީމްވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މި މިނިސްޓްރީގެ އިސް އޮފިޝަލުންނާއި މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ސަފާރާތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އޮފީސްތަކުގެ އިސްވެރިންނާއި މިނިސްޓްރީތަކުގެ މަންދޫބުންނާއި، ސްކޫލުތަކާއި ކޮލެޖުތަކުގެ ދަރިވަރުން ބައިވެރިވިއެވެ.

މި ދުވަސް ކަނޑައެޅުމަށް ނިންމީ ދިވެހިރާއްޖެ އިން އިސްވެ އދ. ގެ ޢާންމު މަޖިލީހަށް ހުށަހެޅި ޤަރާރު، A/RES/76/269، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ފާސްވުމާ ގުޅިގެންނެވެ. މި ޤަރާރަށް ވަނީ 191 ޤައުމުން ކޯ-ސްޕޮންސަރ ކޮށްފައެވެ.