logo
banner image

މޫސުމީ ބަދަލުތަކަށް ހޭނުމާ ބެހޭ ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އައު އީޖާދުތަކާއި މާލީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، އެކަމަށް ބޭނުންވާ އަމަލީ މަގުތައް ދެނެގަތުމެވެ. މިގޮތުން، ތިމާވެށީގެ ރައްކާތެރިކަމަށް ބޭނުންވާ ފައިސާ ހޯދާނެ އައު އަދި އީޖާދީ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ފޯރަމްގެ ބައިވެރިން ބާރުއަޅާފައިވަނީ މޫސުމީ ނުރައްކާތައް މެނޭޖުކުރުމުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށެވެ. އަދި މިފަދަ ކަންކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން (ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް) ވަރުގަދަކުރުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ފޯރަމަކީ ރާއްޖެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ފޯރަމް ނިމިގެންދިޔައީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވަމުންނެވެ.