10 ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި :ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ބޮޑު ކުރިއެރުމެއް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުއަކީ2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. އަދި މި މަޝްރޫޢު އިފްތިތާޙް ކުރެވިގެންގޮސްފައިވަނީ 2024 ވަނަ އަހަރުގެ ތިމާވެށިދުވަހުއެވެ. މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ އަހުދު ލިބި. 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވެއެވެ. މި ހިނގާ 2026 ވަނަ އަހަރުގެ އަމާޒަށް ވެފައިވަނީ އިތުރު 1 މިލިއަން ގަސް އިންދުމެވެ. ދެމެހެއްޓެނެވި ގޮތެއްގައި ގަސްއިންދުމުގެ މަސައްކަތް ކުރުމަށް އުމްރާނީ ވަސީލަތް ތަރައްޤީ ކުރުމަށް ޚާއްސަ ސަމާލުކަމެއް މި މަޝްރޫޢުގެ ދަށުން ދެވިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތައްޔާރީތައް ސަރުކާރުންވަނީ ފަށާފައެވެ.

މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ތަރައްޤީކުރުމަށް ރައޫސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވައި، މިމަސައްކަތުގެ ފުރަތަމަ 10 ރަށާއި އެކީ މި އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ:
ހއ. ކެލާ
ށ. މިލަންދޫ
ނ. ކެނދިކުޅުދޫ
ރ. އިންނަމާދޫ
ބ. މާޅޮސް
އއ. މަތިވެރި
މ. މުލައް
ތ. ކިނބިދޫ
ގއ. ދާންދޫ
ގދ. ތިނަދޫ ސިޓީ
މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000 (ފަސްލައްކަ) ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.
އަންދާޒާކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެއެވެ. މި ތަންތަނުން ހައްދައި ބޭރުކުރާ ހުރިހާ ގަހެއް ގުނޭނީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިންނެވެ. މީގެ އިތުރުން، މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި މަޝްރޫއު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ނާސަރީތަކަކީ ދިގުމުއްދަތަކަށް ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތްތަކެކެވެ. މީގެ ސަބަބުން ރަށު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، އިޤްތިޞާދީ ގޮތުން ރަށްރަށަށް ކުރިއެރުން ލިބޭނެއެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
-1782214292627.webp)