logo
banner image

ބެލްޖިއަމްގެ ސަފީރު މިނިސްޓަރު ޢަލީ ޝަރީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ބެލްޖިއަމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑިޑިއޭ ވަންޑަހަސެލްޓް، އޮނަރަބަލް މިނިސްޓަރު އަލީ ޝަރީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ޚާއްޞަގޮތެއްގައި، ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި، އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ކޯޕަރޭޝަން ނުވަތަ ދޭދޭ ގުޅުންތައް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ވަނީ ބެލްޖިއަމްގެ ސަފީރަށް މަރުޙަބާ ދަންނަވައި، ރާއްޖެއާއި ބެލްޖިއަމްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.