ބެލްޖިއަމް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ގެ އަރިހަށް ބެލްޖިއަމް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު، ހިޒް އެކްސަލަންސީ ޑިޑިއަރ ވެންޑަރހެސްލްޓް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް، ސަފީރު ވެންޑަރހެސްލްޓް ގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް ދިވެހި ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ވަޒީރާއި ސަފީރު ވެންޑަރހެސްލްޓް ވަނީ ދެ ޤައުމުގެ މަސްލަހަތު ހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ މެދު ޚިޔާލު ބަދަލުކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، ވަޒީރު އިރުތިޝާމް ވަނީ ދިވެހިރާއްޖެ އާއި ބެލްޖިއަމް އާ ދެމެދު މިހާރުއޮތް އެކުވެރިކަމުގެ ގުޅުމާއި އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށާއި، އަދި މިކަމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައި ސަފީރު ޑިޑިއަރ ވެންޑަރހެސްލްޓް އަށް ކާމިޔާބީ އަށް އެދިވަޑައިގެން، ބެލްޖިއަމް ސަރުކާރުން ދިވެހިރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރުގެ ދައުރުގައި ވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދެއްވިއެވެ.
ވަޒީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ޢިނާޔާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޙުސައިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް ގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލާ ޢާއިޝާ މަޔާސީން މުޙައްމަދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
