ހއ. ގައްލަންދޫ ހިމާޔަތްކޮށް ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ހއ. ގައްލަންދޫ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށް އެކުލަވާލާ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ޚިޔާލު ހޯދުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

"ކެޓެނޭޓް" (CATENATE) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، އެ އަތޮޅުގެ އެކި ރަށްރަށުގެ މުޖުތަމައުތަކުގެ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ގައްލަންދޫގެ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.
މި ވަރކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގައްލަންދޫ ހިމާޔަތްކުރުމުގެ މަސައްކަތް ހިންގާނެ ގޮތުގެ އޮނިގަނޑާއި، އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑު ބައްޓަންކުރާނެ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުރި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މާނަހުރި މަޝްވަރާތަކެއް ކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްރަށުގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ، ސަރަހައްދީ ފެންވަރުގައި ތިމާވެށި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ބައްދަލުވުމުގެ ސަބަބުން ގައްލަންދޫ ހިމާޔަތްކުރުމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގައި ރަށު ކައުންސިލްތަކާއި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އެ ސަރަހައްދުގެ މުހިންމުކަން ރައްޔިތުންނަށް ބޮޑަށް ހާމަވެގެންދާނެ ކަމަށް މި ޕްރޮޖެކްޓުގެ ފަރާތުން މައުލޫމާތުދެއެވެ.
