އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސިލްސިލާ ބައްދަލުވުންތައް އަރިއަތޮޅު ދެކުނުބުރީގައި ފަށައިފި
އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތައް އދ. މަހިބަދޫގައި 20 ޖޫން 2026ގައި ފަށައިފިއެވެ.
މި ޕްރޮގްރާމުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ ޢަމަލީ ކަންކަން ދެނެގަތުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްކުރާނެއެވެ.
މި މަޝްވަރާތައް އަރިއަތޮޅު ދެކުނުބުރީގެ 10 ރަށެއްގައި މިހަފްތާތެރޭގައި ކުރިއަށްދާނެއެވެ. މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ޙާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެއެވެ.
މި މަޝްރޫއުގެ މުހިންމު ނަތީޖާއަކަށް ވެގެންދާނީ އަންހެން ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އުފެދި، އަތޮޅުގެ އަންހެނުން ހިންގާ ވިޔަފާރިތަކާއި އިޤްތިސާދީ މަސައްކަތްތަކުގެ ފުރިހަމަ މެޕިންގްއެއް އެކުލަވާލެވުމެވެ. މި މެޕިންގްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެނުންގެ ވިޔަފާރިތައް ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތަކާއި، ނެޓްވޯކިންގ ފުރުޞަތުތައް އަދި ވަޞީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.
މިއީ މި މަޝްރޫޢުގެ ދަށުން މި ޕްރޮގްރާމް ހިންގާ ހަތަރުވަނަ އަތޮޅެވެ. މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ސިލްސިލާ ބައްދަލުވުންތައް ވަނީ، ލ.އަތޮޅު ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފައެވެ.
އިޤްތިޞާދީ އަދި މާލީ ގޮތުން އަންހެނުން ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް އަހައްމިއްޔަތުކަން ދެއްވާކަމެކެވެ. އަދި މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާ މުޙިއްމު އެއް އަމާޒެވެ.
