logo
banner image

"މޫދު ފެސްޓް 2026" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް "މޫދު ފެސްޓް 2026"ގެ ނަމުގައި މި ވުޒާރާއިން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފިއެވެ.

"މޫދު ފެސްޓު 2026" ފައްޓަވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ. ވަޒީރުގެ އަރިހުގައި އެޗްޑިސީ ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހަރު ބައިވެރިވެވަދައިގެންނެވި އެވެ.

ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި މިއަދު ހެނދުނު ފެށި މިހަރަކާތްތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްގައިވެސް ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު މޫދު ކުޅިވަރުތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ކުޑަކުދިންނަށް ކަނޑާއި ބެހޭ ގޮތުން އެކިކަހަލަ މައުލޫމާތު ދިނުމަށް ސްޓޯލްތައްވެސް ވަނީ ބަހައްޓާފައެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ދިރާސާކުރާ އިދާރާތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގްރޫޕްތަކުގެ އިތުރުން އަމިއްލަ ކުންފުނިތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ކަނޑުފަޅުތަކާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތައް ދައްކާލުމާއި، މަޖާ އަދި މައުލޫމާތުން މުއްސަނދި ހަރަކާތްތަކެއްގެ ތެރެއިން އާންމުން މިކަމަށް ހޭލުންތެރިކުރުވުމެވެ.

މޫދު ފެސްޓު ފެށުމުގެ ގޮތުން މިއަދު ހެނދުނު 9:00 ގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން އެންމެން މޫދަށް ނަމުގައި ހާއްސަ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެންމެން މޫދަށް މި ހަރަކާތް ކުރިއަށްގެންދިޔައީ ރާއްޖޭގެ ހުރިހާ ރަށަކުން އެންމެން އެއްގަޑިއެއްގައި މޫދަށް އެރި އެކި ކަހަލަ މޫދުކުޅިވަރުތައް ކުޅޭގޮތަށެވެ. މިހަރަކާތުގައި ގިނަ ރަށްތަކަކުން ވަނީ ބައިވެރިވެފައެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތަކާއި މުރަކަ އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.