logo
banner image

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މޫދު ފެސްޓު 2026 މިއަދު ފަށައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މޫދު ފެސްޓު 2026 މިއަދު ހެނދުނު ފަށައިފިއެވެ.

މޫދު ފެސްޓު 2026 ފައްތަވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ. ވަޒީރުގެ އަރިހުގައި އެޗްޑިސީ ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހަރު ބައިވެރިވެވަދައިގެންނެވި އެވެ.

"މޫދު ފެސްޓް 2026" އަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށާއި، ދިވެހި މުޖުތަމައުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯތްބާއި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުމަށް އިންތިޒާމުކުރާ އާންމު ހަރަކާތެކެވެ. މައުލޫމާތާއި ތަޖުރިބާ ލިބިދޭ ތަފާތު ހަރަކާތްތަކުގެ އެހީގައި، މި ފެސްޓިވަލްގެ މަގުސަދަކީ ދިވެހިންނާއި، ދިވެހި ގައުމުގެ ދެމިއޮތުމުގެ އަސްލު ކަމުގައިވާ ކަނޑުގެ މާހައުލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

މޫދު ފެސްޓު ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު ކުރިއަށް ދިޔައީ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފެތުމާއި ފީނުމުގެ ހަރަކާތްތަކެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަސް ގެންގޮސްފައެވެ.މިއީ ޑައިވް ކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.

މެންދުރުފަހު ދަންފަޅީގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރާއި، ކާބޯތަކެއްޗާއި، ކުރެހުމުގެ އިތުރުން ކަނޑުފަޅުތަކާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.