ސަރަޙައްދީ ފެންވަރުގައި ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ދިވެހިރާއްޖެއިން މަޝްވަރާކޮށްފި
ސަރަޙައްދީ ފެންވަރުގައި ވައިގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން ބޭއްވި މުހިންމު މަޝްވަރާ ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭއްވުނު "ރީޖަނަލް ޑައިލޮގް" އެކެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ސަރަޙައްދީ ފެންވަރުގައި ވައި ސާފުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މިހާރު ހުރި އެންމެ ރަނގަޅު އުސޫލުތަކާ (Best Practices) ގުޅޭގޮތުން އެހެން ޤައުމުތަކާއެކު މަޢުލޫމާތު ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ "ސައުތު އޭޝިއާ ކްލީން އެއާ އެކްޝަން ޕްލޭން" ގެ ފަރުމާއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެ ޕްލޭން އިތުރަށް ފުރިހަމަކުރުމެވެ. މިއީ ސަރަޙައްދީ ފެންވަރުގައި ވައިގެ ތަޣައްޔަރުކަން ކުޑަކުރުމަށް އެކުލަވާލެވޭ މުހިންމު މަގުޗާޓެކެވެ.
މި މަޝްވަރާތަކުގައި ބައިވެރިވި ޤައުމުތަކުން ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ފޯރާ ވައި ނުސާފުވުމުގެ މައްސަލަ (Transboundary air pollution) އަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދޭނީ ސަރަޙައްދީ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަން މި ބައްދަލުވުމުގައި އަނެއްކާވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ވައިގެ ފެންވަރު ރަނގަޅުކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވުމަކީ ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ.
