ސަމްޕާ ސަރަހައްދުގައި ބޭނުންކުރާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ދެކުނު އަރިގަނޑު މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަމްޕާ) ސަރަހައްދުގައި ފަތުރުވެރިން ގޮވައިގެން ޑައިވް ކުރުމަށާއި ސްނޯކްލިންގް އަށް ބޭނުންކުރާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިން އަންގައިފިއެވެ.
މި ނިންމުމަކީ ސަމްޕާ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.
ސަމްޕާ ސަރަހައްދުގައި ޑައިވިންގް އަދި ސްނޯކްލިންގްގެ ހިދުމަތް ދޭ ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރަންޖެހެނީ ސަރުކާރުގެ އެއް ވިއުގަ "ވަންގަވް" (OneGov) ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން one.gov.mv/submissions/67 މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
އީ.އާރު.އޭ ގައި އުޅަނދު ރަޖިސްޓްރީ ކުރުމުން، އެ އުޅަނދަކީ ތިމާވެއްޓާ ރައްޓެހި އަދި ގަވާއިދަށް ބޯލަނބާ "ފްރެންޑްލީ" އުޅަނދެއްކަން ދެނެގަތުމަށްޓަކައި، ސަމްޕާ ރޭންޖަރުންގެ ޓީމުން އެ އުޅަނދަކަށް ހާއްސަ ދިދައެއް ދޫކުރާނެއެވެ. މި ދިދައަކީ އެ ސަރަހައްދުގައި އުޅަނދު ހަރަކާތްތެރިވާއިރު ބޭނުންކުރަންޖެހޭ ފާހަގައެކެވެ.
މި ނިޒާމުގެ ސަބަބުން ސަމްޕާ ސަރަހައްދު ބެލެހެއްޓުމުގައި ރޭންޖަރުންނަށް ފަސޭހަވެ، ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރު ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދުފަހަރަކުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ކުރުމުގެ ކަންކަން ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
