logo
banner image

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ނައިބު ރައީސް ތަޤުރީރު ކުރައްވައިފި

ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދާ "ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގެ މަތީ ފަންތީގެ ލީޑަރުންގެ ސެޝަންގައި ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ތަޤުރީރު ކުރައްވައިފިއެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިޖުރަކުރުމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި މޫސުމީ ނޭދެވޭ އަސަރުތަކާ ކުރިމަތިލާންޖެހިފައިވާ ނާޒުކު ޤައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) އިތުރުކޮށްދިނުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ނައިބު ރައީސްގެ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ބަދަލުތަކާ ގުޅިގެން މީހުން ހިޖުރަކުރަންޖެހޭ ޙާލަތްތަކުގައި، އެކަން ވާންޖެހޭނީ ދުރާލައި ރޭވިފައިވާ، އަމިއްލަ އިޚުތިޔާރުގައި ކުރެވޭ އަދި އިންސާނީ ކަރާމާތް ހިފެހެއްޓިފައިވާ ކަމަކަށެވެ. އަދި މިފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަންޖެހޭ މައްސަލައާ މެދު ދުނިޔޭގެ ފެންވަރުގައި މަޝްވަރާކޮށް، ސިޔާސަތުތައް އެކުލަވައިލުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް އަރިހުގައި މިނިސްޓަރ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޢަލީ ޝަރީފު އާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.