logo
banner image

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (SAMPA) ގެ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނީ ޚާއްޞަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (SAMPA) މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިރުޝާދުދީ، އެ ސަރަޙައްދު ބެލެހެއްޓުމުގައި "SAMPA ގައިޑުން" މުހިންމު ދައުރެއް އަދާކުރަން ފަށައިފިއެވެ.

މި ޕްލޭންގެ ދަށުން SAMPA ގައިޑެއްގެ ގޮތުގައި ބަލާގަނެވެނީ ވަކި ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވެފައިވާ ސްނޯކްލިންގ އަދި ޑައިވިންގ ގައިޑުންނަށެވެ. އެގޮތުން SAMPA ގައިޑަކަށް ވުމަށްޓަކައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހެއެވެ:

SAMPA ގައިޑް އިމްތިޙާނުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދައިގެން ފާސްވުން.

މުއްދަތު ހަމަނުވާ އިމަރޖެންސީ ފަސްޓް ރެސްޕޮންސް (EFR) ސެޓްފިކެޓެއް އޮތުން.

ރެސްކިއު ޑައިވް ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް އޮތުން.

މި އުޞޫލުގެ ދަށުން، ކޮންމެ 6 ފަތުރުވެރިއަކަށް އެއް ގައިޑަކު ހުންނަންޖެހެއެވެ (ރޭޝިއޯ 1:6). މިއީ އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، SAMPA ގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފަތުރުވެރިން އަހުލުވެރިކުރުވުމަށް ކަނޑައަޅާފައިވާ މިންގަނޑެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބަޔާންކުރާ ގޮތުގައި، SAMPA ސަރަޙައްދަށް ފަތުރުވެރިން ގޮވައިގެންދާ ފަރާތްތަކުން SAMPA ގައިޑް އިމްތިޙާނުގައި ބައިވެރިވުމަށް [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. މި އިމްތިޙާނަށް ތައްޔާރުވުމަށް ބޭނުންވާ ކިޔަވައިދޭ ތަކެތި މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

ދެކުނު އަރިއަތޮޅުގެ މި ޚާއްޞަ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ނާޒުކު އަދި މުހިންމު ސަރަޙައްދަކަށްވާތީ، މިކަމަކީ އެ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.