logo
banner image

ދަރަނި އަދާކުރުމާއި، މާލީ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، އިޤްތިޞާދީ ހަރުދަނާކަން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އިން ބަލައިގެންފި

ދަރަނި އަދާކުރުން ފަދަ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، އިޤްތިޞާދީ ގޮތުން ދައްކުވައިދީފައިވާ ހަރުދަނާކަން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބަލައިގެންފިއެވެ.

ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދުން ދައްކުވައިދީފައިވާ ހަރުދަނާކަން ފާހަގަކުރަމުން އައި.އެމް.އެފް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއި، ފަތުރުވެރިކަމަށް އައި ކުރިއެރުމުގެ އިތުރުން ބޭރުގެ ޤައުމުތަކުން ލިބުނު އެހީތެރިކަމުގެ ސަބަބުން، މާލީ ގޮންޖެހުންތަކާއި ބޭރުގެ ފިއްތުންތައް މެނޭޖުކުރުމުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މިކަން ހާމަކޮށްފައިވަނީ އައި.އެމް.އެފްގެ ވަފުދަކުން ރާއްޖެއަށް ކުރި 2026 އާޓިކަލް IV މިޝަންގެ މަސައްކަތްތަކަށްފަހު ނެރުނު ވަގުތީ ހޯދުންތަކުގައެވެ. ޕިޔަޕޯން ސޮޑްސްރީވިބޫން އިސްކޮށް ހުންނަވައިގެން 4 ޖޫން 2026 އިން 14 ޖޫން 2026 އަށް ކުރިއަށްގެންދިޔަ މި ދަތުރުގައި، ސަރުކާރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާއި، އަމިއްލަ ފަރާތްތަކުގެ އިތުރުން ތަރައްޤީގެ ބައިވެރިންނާއެކު ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި، ކުރިމަގުގެ އުންމީދުތަކާއި، އިސްކަންދޭންޖެހޭ ސިޔާސަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

އައި.އެމް.އެފްގެ ވަފުދުން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ މާލީ ނިޒާމަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ އިޤްތިޞާދު ވަނީ މަތީ ދަރަޖައެއްގެ ހަރުދަނާކަމަކާއެކު ކުރިއަށް ގޮސްފައެވެ. ޚާއްޞަކޮށް 2025 ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ އެތެރެއާއި ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދުމަށް ދަތިތަކެއް ހުރި ދަނޑިވަޅެއްގައި، މާލީ ފިއްތުންތައް ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ބޭރުގެ ޑިމާންޑް އިތުރުވުމުގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް ވަރުގަދަ ކަމަށް އައި.އެމް.އެފް އިން ބުނެފައިވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ނަތީޖާ ރަނގަޅުވުމާއި، އެކުވެރި ޤައުމުތަކުން ލިބުނު އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރުގެ މާލީ ފިއްތުންތަކަށް ލުޔެއް ލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

ދައުލަތުގެ މާލީ ހާލަތާއި ބޭރުގެ ދަރަންޏާ ގުޅޭ ނާޒުކު ކަންތައްތަކެއް ހުރި ނަމަވެސް، ރާއްޖެއިން ދަރަނި އަދާކުރުމުގައި ދައްކުވައިދީފައިވާ ފަރުވާތެރިކަން އައި.އެމް.އެފް އިން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ސުކޫކް ބޮންޑުތަކާއި، ރަސްމީ އަދި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ލޯނުތައް ހަމަޖެހިފައިވާ މުއްދަތަށް ދެއްކުން ހިމެނެއެވެ. ޚާއްޞަކޮށް، ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ވެފައިވާ އިލްތިޒާމްތަކުގެ ދަށުން، 2026 އޭޕްރިލް މަހު 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް އަނބުރާ ދައްކާފައިވާކަން އެ ވަފުދުން ފާހަގަކުރިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދަރަނި އަދާކުރުމުގެ ގާބިލުކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ވަގުތީ ހައްލެއް ލިބިގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކަންމަތީ ދެމިއޮތްކަން ފާހަގަކުރަމުން، އައި.އެމް.އެފް އިން ބުނީ ދާދިފަހުން އަމަލުކުރަން ފެށި ބޭރު ފައިސާއާބެހޭ ޤާނޫނުގެ ސަބަބުން ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ލިބި، ރިޒާވް އިތުރުކުރުމަށް ބާރަކަށް ވެފައިވާ ކަމަށެވެ. މިއީ އާމްދަނީ އިތުރުކުރުމަށާއި، ޚަރަދު ކުޑަކުރުމުގެ އިތުރުން ދަރަނި މެނޭޖުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާކަން އެ އިދާރާއިން ބަލައިގަނެއެވެ.

ނަމަވެސް، އިޤްތިޞާދީ ނުތަނަވަސްކަން ކުޑަކޮށް، ދަރަނި ދަށްކުރުމުގެ މިސްރާބަކަށް ގެންދިއުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް ބޭނުންވާނެ ކަމަށް އައި.އެމް.އެފް އިން ލަފާދެއެވެ. އެގޮތުން ޚަރަދުތައް ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓަރ ކުރުން މިހާރަށްވުރެ ވަރުގަދަކުރުމަށްވެސް ވަނީ އެދިފައެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އައި.އެމް.އެފް އިން މަރުހަބާ ކިޔެވެ. މީގެ ސަބަބުން ކުރިމަގުގައި ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރެވޭނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ އިޞްލާޙީ ފިޔަވަޅުތައް އަޅާއިރު، މުޖުތަމައުގެ ނާޒުކު ފަންތީގެ މީހުންނަށް ދެވޭ ރައްކާތެރިކަން ދެމެހެއްޓުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.