logo
banner image

އިއާދަކުރަނިވި ހަކަތައިގެ އިސްލާހީ މަސައްކަތްތަކުން ކުރިމަގުގައި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ކަމަށް އައި.އެމް.އެފް އިން ބުނެފި

ހަކަތަ ބޭނުންކުރާ މިންވަރު އިގުތިސާދު ކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ކުރިމަގުގައި ސަބްސިޑީއަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ވަނީ ބުނެފައެވެ.

އައި.އެމް.އެފް އިން މިކަން ފާހަގަކޮށްފައިވަނީ، 2026 ވަނަ އަހަރުގެ އާޓިކަލް IVމިޝަނަށްފަހު ރާއްޖެއާ ގުޅޭގޮތުން އެކުލަވައިލި ވަގުތީ ރިޕޯޓުގައެވެ. މި ރިޕޯޓުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ލިބޭނެ ކުރިއެރުންތަކަށް އަލިއަޅުވާލާފައިވެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ސަރުކާރުގެ ހަރަދުތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ކަމެއް ކަމަށް އެ ފަންޑުން ފާހަގަކުރިއެވެ. ރާއްޖެއަކީ އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ ޖަޒީރާ ގައުމަކަށްވުމުން، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ތެޔޮ އެތެރެކުރުމުގެ ހަރަދާއި، ކަރަންޓު އުފެއްދުމުގެ ހަރަދުގެ އިތުރުން ސަބްސިޑީއަށް ބޭނުންވާ މިންވަރަށް ސީދާ އަސަރުކުރެއެވެ.

އައި.އެމް.އެފް އިން ބުނި ގޮތުގައި ހަކަތަ ސަލާމަތްކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ސަބްސިޑީއަށް ކުރާ ހޭދަ ކުޑަވުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ލިބޭ ގެއްލުން ކުޑަވެ، މާލީ ދެމެހެއްޓެނިވިކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، އެހީތެރިކަން އެންމެ ބޭނުންޖެހިފައިވާ ނާޒުކު ފަރާތްތަކަށް ސަބްސިޑީ ފޯރުކޮށްދިނުމަށްޓަކައި، މިހާރު ހުރި ސަބްސިޑީ ނިޒާމުތައް ވަށައިޖެހޭ ގޮތެއްގައި މުރާޖައާ ކުރުމަށް އައި.އެމް.އެފް އިން ލަފާދީފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންދާއިރު، އާއިލާތަކުގެ ހާލަތު ދެނެގަންނާނެ ހަރުދަނާ ނިޒާމެއްބޭނުންކުރުމާއި، އިދާރީ ގާބިލުކަން އިތުރުކުރުމާއި، އެހީ ފޯރުކޮށްދޭ ނިޒާމުތައް އިތުރަށް ހަރުދަނާކުރުން މުހިންމު ކަމަށް ބުނެފައިވެއެވެ.

އެ ފަންޑުން އިތުރަށް ބާރުއެޅި ގޮތުގައި، މާލީ އިސްލާހުތައް ކުރިއަށްގެންދާއިރު ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ހައްލު ހޯދުމުގެ މަސައްކަތުގެ ތެރެއިން، ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެއެވެ.

އައި.އެމް.އެފް އިން ވަނީ 2025 ވަނަ އަހަރު ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ކެޕިޓަލް ހަރަދުތައް އިގުތިސާދު ކުރުމަށާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އިތުބާރު ހުރި މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ލަފާދީފައެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް ބެލެހެއްޓުމާއި، ދައުލަތުގެ މާލީ ހިންގުންހަރުދަނާކުރުމަކީ މާލީ ސިޔާސަތުތަކުގެ އިތުބާރާއި ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށް އެ ފަންޑުން ބުނެފައިވެއެވެ.

ދިގު މުއްދަތަށް ބަލާއިރު، އިގުތިސާދީ ކުރިއެރުމަށްޓަކައި މޫސުމީ ބަދަލުތަކަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމާއި، އިގުތިސާދަށް ކުރިމަތިވެފައިވާ އޮނިގަނޑުތަކުގެ ހުރަސްތައް ނައްތާލުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައްތަކުގެ ގޮތުގައި އައި.އެމް.އެފް އިން ފާހަގަކުރިއެވެ.

އައި.އެމް.އެފްގެ މި ވަފުދުން ޖޫން 4 އިން 14 އަށް މާލެއަށް ކުރި ޒިޔާރަތުގައި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާއި، އަމިއްލަ ސެކްޓަރުގެ މަންދޫބުންގެ އިތުރުން ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ބާއްވާފައިވެއެވެ.