logo
banner image

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެގޮތުން "މޫދު ފެސްޓް 2026"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެގޮތުން "މޫދު ފެސްޓް 2026"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

"މޫދު ފެސްޓް 2026" އަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށާއި، ދިވެހި މުޖުތަމައުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯތްބާއި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުމަށް އިންތިޒާމުކުރާ ހަރަކާތެކެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ދިވެހިންނާއި، ދިވެހި ގައުމުގެ ދެމިއޮތުމުގެ އަސްލު ކަމުގައިވާ ކަނޑުގެ މާހައުލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް އޮންނާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އަށެވެ.

ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކުއެވެ އަދި އެކި އޮފީސް/ ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލް ތައްވެސް ބެހެއްޓިފައި ހުންނާނެއެވެ. މިދިޔަ އަހަރުގެ އޯޝަން ޑޭ ހަރަކާތްތަކަށްވެސް އާންމުންގެ ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ.

މިއަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މިއީ ޑައިވް ކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.

މި ހަރަކާތުގައި ބައިވެރިވެވެނީ އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ.

މީގެއިތުރުން އެ ދުވަހުގެ ހަވީރު 15:00 އިން ފެށިގެން މޫދު ފެސްޓުގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންދާނެއެވެ.

މެންދުރުފަހުގެ މި ހަރަކާތަކީ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ދިރާސާކުރާ އިދާރާތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގްރޫޕްތަކުގެ އިތުރުން އަމިއްލަ ކުންފުނިތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ފެސްޓިވަލްގެ މަގުސަދަކީ ކަނޑުފަޅުތަކާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތައް ދައްކާލުމާއި، މަޖާ އަދި މައުލޫމާތުން މުއްސަނދި ހަރަކާތްތަކެއްގެ ތެރެއިން އާންމުން މިކަމަށް ހޭލުންތެރިކުރުވުމެވެ.

މި ފެސްޓިވަލަކީ އާއިލާތަކަށް އެކުގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ، ދިވެހިންނާއި ކަނޑާ ދެމެދު އޮތް ހާއްސަ ގުޅުން ފާހަގަކުރާ ހަރަކާތެކެވެ.

ކަނޑުގެ މައްޗަށް ބިނާވެފައިވާ ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ކާނާގެ ރައްކާތެރިކަމާއި، އާމްދަނީ ހޯދުމުގެ މަގުތަކާއި، ސަގާފަތާއި އަދި މުސްތަގުބަލުގެ ތަނަވަސްކަން ގުޅިފައިވަނީ ދުޅަހެޔޮ ކަނޑުގެ ނިޒާމަކާއެވެ. "މޫދު ފެސްޓް 2026" ގެ އަމާޒަކީ، ހާއްސަކޮށް ޒުވާނުންގެ ހިތްތަކުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އިތުރުކޮށް، އެތަންތަން ހޯދާ ބެލުމަށާއި ރައްކާތެރިކުރުމަށް ހިތްވަރު ދިނުމެވެ. މިއީ ރާއްޖޭގެ މުއްސަނދި ކަނޑުގެ ތަރިކައިގެ ފައިދާ ކުރިއަށް އޮތް ޖީލުތަކަށްވެސް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ.