ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނެ ގޮތް ބަޔާންކުރާ މިންގަނޑު
"ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ 9 ވަނަ އިސްލާހު"
ދައުލަތުގެ ޕޭ ފްރޭމް ވޯރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހުތައް ގެނައުން.
1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް، މިންގަނޑު ނަންބަރު 478-NPC/2026/ST-28 (ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑު) އިތުރުކުރުން.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މިންގަނޑު
މިންގަނޑު ނަންބަރު 478-NPC/2026/ST-28
ތަޢާރުފު 1.
މިއީ، ޤާނޫނު ނަންބަރު 2026/1 (ރީ-އެމްޕްލޯއިމަންޓް ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނެ ގޮތް ބަޔާންކުރާ މިންގަނޑެވެ.
މުސާރައާއި ޢިނާޔަތްތައް ހަމަޖެއްސުމުގައި ގެންގުޅޭނެ ހަމަތައް 2.
(ހ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާނީ ޕެންޝަން ޙައްޤުވިއިރު މުވައްޒަފު ހުރި މަޤާމުގެ (ވަޒީފާގެ) މަސްއޫލިއްޔަތާއި އެ މަސްއޫލިއްޔަތުތައް އަދާކުރާނެ ވަގުތާއި ދުވަސްތަކަށް އެއްވެސް އުނިއިތުރެއް ނާންނަ ގޮތަށް ކަމުގައިވާނަމަ، އެ މަޤާމަކަށް މުސާރައާއި ޢިނާޔަތްތައް ހަމަޖެއްސުމުގައި ބަލާނީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ ދަށުން އެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކަށް އުނިއިތުރެއް ނާންނަގޮތަށެވެ. މިގޮތުން، އެ މަޤާމު އޮތް އިދާރާއަކީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިނުވާ އިދާރާއެއް ކަމުގައިވާނަމަ، ހަމަޖައްސާނީ އުމުރުން 65 އަހަރުވެގެން އެ މުވައްޒަފަކު ވަޒީފާއިން ވަކިވިއިރު، އެ މުވައްޒަފު ހުރި މަޤާމަކަށް ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކެވެ. އަދި އެ އިދާރާއެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގައި އެ މަޤާމަށް ކަނޑައަޅާފައިވާ ގޮތަށް މުސާރައާއި ޢިނާޔަތްތަކަށް ބަދަލުގެންނަންވާނެއެވެ.
(ށ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ ރީ-އެމްޕްލޯއިމަންޓް ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، 65 އަހަރުވުމާގުޅިގެން ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައިވާނަމަ، އަދި ފުލްޓައިމް ވަޒީފާ އަދާކުރާ ފަރާތްތަކާ އެއްފަދައިން ވަޒީފާ ހަމަޖައްސާ ކަމުގައިވާނަމަ، އެ މަޤާމަކަށް މުސާރައާއި ޢިނާޔަތްތައް ހަމަޖެއްސުމުގައި ބަލާނީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގައި އެ މަޤާމުގެ މަސްއޫލިއްޔަތު ނިސްބަތްވާ ޖޮބް މެޓްރިކްސްގައި އެ މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ރޭންކުގެ މުސާރައާއި ޢިނާޔަތްތަކަށް އުނިއިތުރެއް ނާންނަގޮތަށެވެ.
(ނ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާނީ ވަޒީފާގެ މަސްއޫލިއްޔަތާއި އެ މަސްއޫލިއްޔަތުތައް އަދާކުރާނެ ވަގުތާއި ދުވަސްތަކަށް އެއްވެސް އުނިއިތުރެއް ނާންނަ ގޮތަށް އިދާރާއަށް ހާޒިރުވެގެން ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ ގޮތަށް ކަމުގައިވާނަމަ، މުސާރައާއި ޢިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް ޢައްޔަންކުރާ ހާލަތތަކުގައި މުސާރައާއި ޢިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ގޮތަށެވެ. މިގޮތުން، އެ މަޤާމު އޮތް އިދާރާއަކީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިނުވާ އިދާރާއެއް ކަމުގައިވާނަމަ، ހަމަޖައްސާނީ އުމުރުން 65 އަހަރުވެގެން އެ މުވައްޒަފަކު ވަޒީފާއިން ވަކިވިއިރު، އެ މުވައްޒަފު ހުރި މަޤާމަކަށް ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކެވެ. އަދި އެ އިދާރާއެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގައި އެ މަޤާމަށް ކަނޑައަޅާފައިވާ ގޮތަށް މުސާރައާއި ޢިނާޔަތްތަކަށް ބަދަލުގެންނަންވާނެއެވެ.
(ރ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ ގޮތަށް ކަމުގައިވާނަމަ، މުސާރައާއި ޢިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް ޢައްޔަންކުރާ ހާލާތްތަކުގައި މުސާރައާއި ޢިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ގޮތަށެވެ.
(ބ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ ވޭޖް އެމްޕްލޯއިމަންޓް އުސޫލުންނާއި މަސައްކަތްކުރާ ގަޑިއަށް ބިނާކޮށް ކަމުގައިވާނަމަ، މުސާރައާއި ޢިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް ޢައްޔަންކުރާ ހާލާތްތަކުގައި މުސާރައާއި ޢިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ގޮތަށެވެ.
(ޅ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސަނީ މަސައްކަތް ފުރިހަމަކުރާ މިންވަރަށް (ޑެލިވަރަބަލްސްއަށް) ބިނާކޮށް ޢިނާޔަތް ދޭ ގޮތަށް ކަމުގައިވާނަމަ، މުސާރައާއި ޢިނާޔަތްތައް ދޭނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައާއި ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށް ޢައްޔަންކުރާ ހާލާތްތަކުގައި މުސާރައާއި ޢިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ކ) ގައި ކަނޑައަޅާފައިވާ ގޮތަށެވެ.
(ކ) ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާ މަޤާމު އޮތް އިދާރާއަކީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިނުވާ އިދާރާއެއް ކަމުގައިވާނަމަ، އަދި ވަޒީފާ ހަމަޖައްސަނީ ވަޒީފާގެ މަސްއޫލިއްޔަތާއި އެ މަސްއޫލިއްޔަތުތައް އަދާކުރާނެ ވަގުތާއި ދުވަސްތަކަށް އުނިއިތުރު އަންނަ ގޮތަށް ކަމުގައިވާނަމަ، މުސާރައާއި ޢިނާޔަތްތައް ދޭނީ ފުލްޓައިމް ވަޒީފާއަކަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކާ އަޅާބަލައި، ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާ ފަރާތް މަސައްކަތްކުރާނެ ވަގުތަށް ރިޢާޔަތްކޮށް މުސާރައާއި ޢިނާޔަތްތަކުގެ ރޭޓް ކަނޑައަޅައި، މަސައްކަތްކުރާ ވަގުތަށެވެ.
(އ) މި މާއްދާގެ ދަށުން، ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް ޕެންޝަން ފައިސާ ލިބިދިނުމުގައި ޢަމަލުކުރާނީ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޕެންޝަން އޮފީހުން ޕެންޝަން ފައިސާ ލިބިދިނުމުގައި ކަނޑައަޅާ އުސޫލާއި އެއްގޮތަށެވެ.
ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓްގެ އުސޫލުން ވަޒީފާ ހަމަޖައްސާއިރު މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުން 3.
(ހ) ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާ ފަރާތަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އެ ފަރާތެއްގެ ޚިދުމަތް އިދާރާއަށް ކޮންމެހެން ހޯދަންޖެހޭނެ ފަރާތެއް ކަމުގައިވާނަމަ، މި މިންގަނޑުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ ތަފާތުކޮށް އެފަދަ ފަރާތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ އިހްތިޔާރު ނޭޝަނަލް ޕޭ ކޮމިޝަނަށް ލިބިގެންވެއެވެ. މިގޮތުން ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ބަލާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) ގައި، ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު) ގެ ދަށުން ދިވެހި ދައުލަތުންދޭ ޢިއްޒަތާއި ޝަރަފު އަރުވާފައިވާ ފަރާތްތަކެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މުސާރައާއި ޢިނާޔަތްތައް ހަމަޖައްސަންޖެހޭނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފާހަގަކުރެވޭ ހާލަތްތަކުގައި، އެ ފަދަ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތަށް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައި، އެ ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިންނެވެ.
2. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިޞްލާޙު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
