އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މި ސެޝަން ކުރިއަށް ދާނީ 15 ޖޫން 2026 އިން 7 ޖުލައި 2026 ގެ ނިޔަލަށެވެ.
މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ.ގެ ހައިކޮމިޝަނަރ ފޯރަ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވިއެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ގައުމީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ގަރާރުގެ ކޯ ގްރޫޕުގެ މެމްބަރެއްގެ ހައިސިއްޔަތުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓް އާކުރުމާ ގުޅޭ ގަރާރެއް މި ސެޝަންއަށް ހުށަހަޅާނެއެވެ.
މީގެ އިތުރުން، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ޖަމިއްޔާތަކުގެ މެމްބަރެއްގެ ހައިސިއްޔަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ބެހޭ މައްސަލަތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރާނެއެވެ. މީގެ އިތުރުން އިޒްރާއިލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ވަކީން ޚާއްސަކޮށް ޣާޒާގެ ރައްޔިތުން، ތަހައްމަލްކުރަމުންދާ އަނިޔާތަކާބެހޭގޮތުން އަލިއަޅުވާލާއި ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. އަދި މި ވަފުދުގައި ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެންބަރުންނެވެ. ދިވެހިރާއްޖެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރުކަމުގެ ދައުރު 2025 ވަނަ އަހަރު ހަމަވެފައިވީ ނަމަވެސް، މި މަޖިލީހުގައި ކުރަމުންދާ މަސައްކަތްތައް ކުރިއެކޭ އެއްފަދައިން ކުރިއަށް ގެންދާނެއެވެ.
