މާލީ ވުޒާރާގެ "ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް" އިން ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދިޔަ އަރުތަ ޕްރޮގްރާމް ނިންމާލައިފި
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ "ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް" އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އަރުތަ ޕްރޮގްރާމް ނިންމުމުގެ ރަސްމިޔާތު ބާއްވައިފިއެވެ.
ފުލުހުންގެ އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އަފްޒަލް އިބްރާހީމް އާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އެވެ.
އަރުތަ ޕްރޮގްރާމުގެ މަގުސަދަކީ، މާލީ ވުޒާރާގެ މުވައްޒަފުންނަކީ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިޖުތިމާއީ ގޮތުން ޒިންމާދާރު، ކުށްތައް ހުއްޓުވުމަށް އިސްނަގައިގެން މަސައްކަތްކުރާ އަދި މުއައްސަސާގެ ކުރިއެރުމަށާއި ގައުމީ ތަރައްގީއަށް ފަހި ވިސްނުމަކުން ވިސްނައި، މަސައްކަތުގެ މާހައުލުގައި އިސްތިރާޖީ ވިސްނުންތަކުން ވިސްނައިގެން އިސްތިރާޖީ ގޮތްތަކެއް ނިންމާ މުވައްޒަފުންތަކެއްގެ ގޮތުގައި ހެދުމެވެ.
އެގޮތުން މި ޕްރޮގްރާމުގައި، ޖޫން 4 އަދި 5 ވަނަ ދުވަހު، މާލެ އާއި ކ. މަނިފުށީގައި ފުލުހުންގެ މުދައްރިބުން ވަނީ ސެޝަންތަކެއް ނަންގަވައިދެއްވާފައެވެ.
މި ޕްރޮގްރާާމްގައި މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ 50 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އަރުތަ ޕްރޮގްރާމަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީގޮތުން ޒިންމާ އަދާކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ފުލުހުންގެ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
