logo
banner image

ކަލައިދޫގައި އަންހެނުން ބާރުވެރިކުރުވުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ލ.ކަލައިދޫގެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ކަނބަލުންނަށް އަމާޒުކޮށްގެން، އަންހެނުން ބާރުވެރިކުރުވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 13ވަނަ ދުވަހު "ބިލްޑިންގ ރިޒިލިއެންސް-އެމްޕަވަރ ވިމެން"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މައްޗަށެވެ. އެގޮތުން މި ސެޝަނުގައި ނަގައިދެވުނު ބައިތަކުގެ ތެރޭގައި، މުޖުތަމަޢުގައި އަންހެނުންނަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި އަމިއްލަ ނަފުސުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

މި ސެޝަންގައި ބައިވެރިން ވަނީ، ދިރިއުޅުމުގައި ދިމާވާ އެކި އެކި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތުގެ އަމިއްލަ ޕްލޭނެއް ތައްޔާރުކޮށް އެކަށައަޅާފައެވެ.

މި ސެޝަނުގައި ކަލައިދޫގެ އެކި މުއައްސަސާތަކުން 26 ކަނބަލުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކަކީ، މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ކަނބަލުންނަކީ، މަސައްކަތުގެ މާޙައުލުގައްޔާއި ދިރިއުޅުމުގައި ދިމާވާ ހުރަސްތަކާ ކެރިގެން ކުރިމަތިލާ، ނަފުސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ސެޝަނެކެވެ.